އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި ދިމާލަށް ވައްހާބީންނޭ ކިޔާ، ފުރައްސާރަ ކުރަމުން ދާއިރު!؟...

ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް އަކީ މީގެ ދެޤަރުނު ކުރިން އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. ބޮޑު އިމާމެކެވެ. މުޖައްދިދެކެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ ހެޔޮކަންތަކަށް އަމުރުކުރައްވައި މުންކަރާތްތައް ނަހީކުރެއްވި މާތް ޢިލްމުވެރިބޭކަލެކެވެ. އެކަލޭގެފާނު ގޮވާލެއްވީ ﷲގެ ޝަރީޢަތް ޤާއިމު ކުރުމަށާއި ތަޢުޙީދު ދިރުވުމަށެވެ. ބިދުޢަތަކާއި ޝިރުކު ނައްތާލެއްވުމަށެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ އުންމަތުގެ ރަމްޒެކެވެ. ފަޚުރެކެވެ. މާތް ﷲ އެކަލޭގެފާނަށާއި އުންމަތުގެ އެންމެހައި އިމާމުންނަށް ރުއްސުންލައްވައި މަތިވެރި ނިޢުމަތް ދެއްވާނދޭވެ! އަދި އެބޭކަލުންގެ މަގުން ހިގުމުގެ ތައުފީޤް އަޅުގަނޑުމެން އެންމެނަށް ދެއްވާނދޭވެ!

 ކޮންމެއަކަސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށްފަހު ޒަމާންތައް ފާއިތުވަމުން ގޮސް ޢަރަބިކަރަ ޝިރުކާއި ޖަހާލަތުގެ އަނދިރި ކަމުގެ ތެރެއަށް ވެއްޓިފައިވަނިކޮށް، ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް ވަޑައިގެން، ކުރީގެ ދަންނަބޭކަލުންނެކޭ އެއްފަދައިން ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލައްވަން ފެއްޓެވުމުން އެކަމާއި ޙަސަދަވެރިވީ މީހުން، އެކަލޭގެފާނުގެ ބަސް ޤަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވީ މީސްތަކުންނަށް "ވައްހާބީން" އޭ ކިޔައި އުޅުނެވެ. މިނަމަކީ މިއީ އޭރު ދުނިޔޭގައި ހަންފަތުރާ ޤައުމުތައް އިސްތިޢުމާރު ކުރަމުން ދިޔަ އިނގިރޭސިންނާއި އަދި މުސްލިމުންގެ ތެރެއަށް ނިސްބަތްވެގެން ތިބި ޝިޔަޢީންނާއި ޞޫފީން ދިން ނަމެކެވެ. އެއަށްފަހު ޤުރުއާނާއި ސުންނަތުގައި ހިފަހައްޓާ މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން މިނަން ބޭނުން ކުރެވެމުން ދަނީއެވެ. މިއީ އެއްވެސް ޙާލެއްގައި، ﷲ ތަޢާލާގެ ފޮތަށާއި ކީރިތި ނަބިއްޔާގެ ސުންނަތަށް ޢަމަލު ކުރަމުންދާ ބަޔަކަށް ފުރައްސާރަ ކުރުމަށް ބޭނުންކުރެވެންޖެހޭ ލަފްޒެއްނޫނެވެ. އަދި ކިއެއްހެއްޔެވެ، އަލް-ވައްހާބް އަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅުވެސް މެއެވެ.

ދަންނާށެވެ! ޝެއިޚުލް އިސްލާމްގެ ދަޢުވަތުގައިވާފަދައިން......

- ވައްހާބީގެ މާނަ އަކީ، "ތައުޙީދަށް ގޮވާލާ، ޞައްޙަ އަޤީދާ އަށް ތަބާވެ، ޝިރުކުގެ އެންމެހައި ޢަމަލުތަކުން ތައުޙީދު ސަލާމަތް ކުރުން' ކަމަށް ވާނަމަ...."  އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީގެ މާނަ އަކީ، "އެންމެހައި ބިދުޢަތަކުން ސަލާމަތްވެ، ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލާ، ސަލަފުއް ޞާލިހުންގެ ފަހުމާއި މަންހަޖުގައި ހިފަހައްޓާ، މަޛްހަބީ ބައިބައިވުން ނައްތާލުން ކަމަށްވާނަމަ..."  އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީ ގެ މާނަ އަކީ، "ޠާޣޫތުންނާއި ދެކޮޅަށް ޖިހާދު ކުރުމަށް ގޮވާލާ، ﷲއަށް ޢަދާވާތްތެރިވެ ޝިރުކު ކުރާ މީހުންނާއި އިދިކޮޅަށް، ﷲ ތަޢާލާ އަމުރު ކުރައްވާފައިވާ ފަދައިން ޖިހާދު ކުރުމަށް ގޮވާލައި، މުސްލިމުނަށް ވަލާއު ދިނުން ކަމަށްވާނަމަ..."  އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީގެ މާނަ އަކީ، "މެދުމިނުގެ އުސޫލުގައި ހިފަހައްޓައި، ހައްދުފަހަނައަޅާ ދިޔުމުން ރައްކާތެރިވުން' ކަމަށް ވާނަމަ..."  އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

ވީމާ އެގޮތަށް ކިޔައި ދިމާކޮށް ފުރައްސާރަ ކުރުމަކުން އަހަރެމެންގެ ހިތަށް ކުރާނެ އެއްވެސް އަޘަރެއް ނެތެވެ. އަދި އެއީ ހައްޤު ގޮތުގައި ތިބެވޭކަމުގެ ނިޝާނަކަށް ވެސް ވުން އެކަށީގެން ވެއެވެ. މުއުމިނުތަކުންނަށް ފުރައްސާރަކޮށް މަލާމާތް ކުރާނެ ވާހަކަ ކީރިތި ޤުރުއާނުގައި ވެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ" (المطففين:32)

"އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ ބައެކެވެ."

އަހަރެމެންގެ ޝިޢާރަކީ "މުސްލިމުން"، މިއެވެ. މިލޭބަލް އަހަރެމެންނަށް ފުދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"وَمَنْ أَحْسَنُ قَوْلا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ" (فصلت: 33)

"ﷲ ތަޢާލާގެ ދީނަށް ގޮވާލައި، ޞާލިޙް ޢަމަލުކޮށް އަދި 'ތިމަންނައަކީ މުސްލިމެކޭ' ބުނާ މީހަކަށްވުރެ، އެމީހެއްގެ ބަހުގައި ހެޔޮކަންބޮޑީ ފަހެ ކާކުހެއްޔެވެ؟"

إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ

ދިވެހިންނާއި ދީން – ބުރުޤާއާއި ފައިކުރީގެ މައްސަލައަކީ ރާއްޖޭގެ ކުރީގެ ޢިލްމުވެރިންގެ ކިބައިންވެސް އެނގެން އޮތް ކަމެއް.

   ދާދި އިހައްދުވަހަކާއި ޖެހެންދެން ގިނަ ދިވެހީންނަށް ދީނުގެ މާގިނަ ތަކެއްޗެއް ނޭނގެއެވެ. ދީނުގެ ތެރެއިން އެނގިފައިވަނީވެސް ކިރިޔާ ފަރުޟުތައް އަދާކޮށްލެވޭ ވަރުގެ ޢިލްމެކެވެ. އާދެ ނަމާދުގެ ދުޢާތަކާއި، ރޯދައާއި މިފަދަ އަޅުކަންތައްތަކުގައި ކިޔާ ދުޢާތައް އެކަންޏެވެ. އަދި މިވަރުވެސް ނުދަންނަ އެތައް ބަޔަކު މާލެއާއި ރާއްޖެތެރޭގައިވެސް ތިއްބެވެ. އަދި އެބަ ތިބިވެސްމެއެވެ. މިހެން ވާން ޖެހުނު އެތައް ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ އެޒަމާނުގައި ދަތުރު ފަތުރުގެ ކަންތައް ހުރި ގޮތުން ދީނުގެ ޢިލްމު ޙާޞިލް ކުރަން ދެވެނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. އަދި އޭގެ އިތުރުން ދީން ކިޔަވައިގެން ހުރި މީހަކު ހުއްޓަސް ހުންނަނީ މާލޭގައި ނުވަތަ ރާއްޖޭގެ މަދު ރަށެއްގައެވެ. އޭރުގެ ދަތުރު ފަތުރާއި މުވާސަލާތީ ކަންތައްތައް ހުރި ގޮތުން ދީނީ ކަމެއް އޮޅުން ފިލުވަން ޖެހުނަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންނޫނަސް މިއަދަށް ބަލާލި ކަމުގައި ވިޔަސް މިކަމުގެ ހެކި މިއޮތީ ފެންނާށެވެ. މީހުން އުޅޭ 200 ވަރަކަށް ރަށް އޮންނައިރު ދީނީ ނަސޭޙަތެއް ދޭން ނުދާ ކިތައް ރަށް އެބައޮތް ހެއްޔެވެ؟ އަދި މިނޫނަސް މިވެރިކަން ފެށިގެން މީގެ މަދު އަހަރުތަކެއް ކުރިއާއި ޖެހެންދެން ދީނީ ޢިލްމުވެރިންގެ އަނގަތައް ބަންދުކޮށް ދީނީ ނަޞޭޙަތް ދިނުން މަނާ ކޮށްފައިވުމަކީ ދިވެހިންނަށް ދީނުގެ ކަންތައްތައް އޮޅުން ފިލުވަން ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހެވެ.

    ކޮންމެއަކަސް ދިވެހީންވެސް ދަތުރު ފަތުރުގެ ކަންތަކާއި މުވާސަލާތީ ކަންތައްތައް ކުރިއަރައި ދިޔުމުން ދުނިޔެ ތެރެއަށް ލޯ ހުޅުވި، އޭގެ ތެރެއިން އެތައް ބަޔަކު ދީން ކިޔެވުމަށްޓަކައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަށް އަދި އިސްލާމްދީން އެތަނަކަށް ބާއްވާލެއްވެވި މަދީނާއާއި މައްކާއަށް ގޮސް ދީން ކިޔަވަން ފަށައިފިއެވެ. އަދި އެނޫނަސް އެހެން އިސްލާމީ މަދަރުސާތަކުންވެސް ދީން އުނގެނިގެން އެތައް ބަޔަކު ރާއްޖެ އަންނަން ފަށައިފިއެވެ. އެހެންނަމަވެސް ހިތާމައަކީ ޙައްޤުބަހެއް ބުނާ މީހަކު ވިއްޔާމުން ހުރަގެއަށްލައި ހަށިގަނޑަށާއި ފުރާނައަށް ގެއްލުންވާ ގޮތައް ދެމުން ދިޔަ އަނިޔާ ތަކެއްގެ ސަބަބުން ޙައްޤުބަސް މީސްތަކުންގެ ގިނަ ބަޔެއްގެ ކަންފަތާއި ހިސާބަށް ނުފޯރައި އޮތީއެވެ. ކޮންމެއަކަސް ޙައްޤުގައި ތިބި އެތައް ބަޔަކު ދިޔައީ މަޑުމަޑުން މީސްތަކުންނަށް ދީން އުނގަންނައިދެމުންނެވެ. އޭގޭ ނަތީޖާއަކަށްވީ އެތައް ބަޔަކު ޙައްޤުގެ މަގަށް ރުޖޫޢަވެ، ޙައްޤުގެ ބަހުގެ އަޑު ގަދަވުމެވެ.

އާދެ މިހާ ހިސާބުން ދެން ގިނަ ދިވެހީންނަށް މިކަންތައްތައްވީ އާކަންތައްތަކަށެވެ. ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ކަންޑައެޅިގެން ފެންނަން އޮތް އިރުވެސްމެއެވެ. އޭގެތެރޭގައި ބުރުޤާ އެޅުމާއި ފައިކުރި ކުރުކުރުމާއި މިފަދަ އެތައް ކަމެއް ހިމެނެއެވެ. މިކަމުގެ ޙަޤީޤަތް ރަނގަޅަށް ނޭނގިތިބެ ކިޔަންފެށީ މިއީ ބަޔަކު އަލަށް ގެނެސްގެން އުޅޭ ދީނެއް ކަމުގައެވެ. އެއާއި އިދިކޮޅަށް އެއްޗެއް ބުނާ މީހަކަށްވެސް ބުނަނީ ތިޔައީކީ ކާބަފައިން އުޅުނު ގޮތެއް ނޫން ކަމުގައެވެ. އަޅުގަނޑު ހިތައް އަރަނީ އެހެންވީއިރު ކާބައިން އުޅުނު ގޮތޭ ކިޔާފައި އެމީހުން އަލުން ބުދު ދީނަށް އަނބުރާ ރުޖޫޢަ ނުވީ ކީއްވެތޯއޭ؟ ކޮންމެއަކަސް ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ آبَاؤُهُمْ لا يَعْقِلُونَ شَيْئاً وَلا يَهْتَدُونَ" (البقرة:170)

"އަދި ﷲ ތަޢާލާ ބާއްވާލެއްވެވި އެއްޗަކަށް ތިޔަބައިމީހުން ކިޔަމަންވެ ތަބާވާށޭ ބުނެވިއްޖެނަމަ އެމީހުން ބުނާނެތެވެ. '(އަހަރުމެން އެހެން ހަދާނޫ ހެއްޔެވެ،) އެހެނެއްކަމަކު އަހަރުމެން ތަބާވާނީ އަހަރުމެންގެ ކާބަފައިން ކަންތައް ކޮށްފައި ދިޔަގޮތަށެވެ.' ފަހެ އެމީހުންގެ ކާބަފައިންނަކީ އެއީ އެއްވެސް އެއްޗެއް ނުވިސްނޭ އަދި ހިދާޔަތް ލިބިފައިނުވާ ބައެއްކަމުގައި ވިޔަސް ހެއްޔެވެ؟"

    ކޮންމެއަކަސް މިއާޔަތުގައި މިވަނީ އަޅުގަނޑުމެން އެންމެން ދަންނަ ވަރަށް ބޮޑު ތެދު ޙަޤީޤަތެކެވެ. ﷲ އާއި ރަސޫލާގެ ސުންނަތައް ތަބާވާށޭ ބުނެވިއްޖެނަމަ މީސްތަކުން ބުނެ އުޅެނީ ހަމަ މިހެންނެވެ. ދެން ކާބަފައިންގެ ކަންތައްތަކަށް ބަލާލަމާތޯއެވެ. އެމީހުން ދައްކާފައި ހުރި ވާހަކަތަކާއި ކޮށްފައި ހުރި ކަންތައްތައް މިއަދުގެ ޒުވާނަކަށް ކިޔާދިނަސް ޤަބޫލު ނުކުރާނެއެވެ. އަދި ކިއެއް ހެއްޔެވެ. ނުވިތާކަށް އެވާނީ ވަރަށް މަޖާ ޖޯކު ކަމަކަށެވެ.

ދެން އަޞްލު މައުޟޫއާއިގެން ކުރިއަށް ދަމާތޯއެވެ. އާދެ ބުރުޤާގެ ވާހަކަ އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ ބޮޑުތަރުތީބުގައާއި ޖަމީލްދީދީގެ ތަޢުލީމް ދިޔާނާގައިވެސް ބަޔާން ކުރައްވާފައި ވެއެވެ. އެހެންނަމަވެސް ކުރީގެ އަދި މިހާރުގެވެސް ގިނަ މީހުން ދެލިގަނޑު އެކަނި ކިޔާތީވެ އޭގައި އޮތް އެއްޗެއް ނޭނގުނީ ކަމުގައި ހީވެއެވެ. އަދި ހަމައެހެންމެ ފައިކުރީގެ ވާހަކަވެސް ކުރީގެ ދަންނަބޭކަލުންގެ ކިބައިން މިއޮތީ އެނގޭށެވެ.

ޝެއިޚް އާދަމް ނަސީމް (ބީއޭ) އާއްމުންނާއި މުޚާޠަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. "ދެން ބައްލަވާ އަޅުގަޑުމެންގެ ތެރޭގައި ހައްދުފަހަނައަޅައިގެން ދިޔުމަށް ބަލާ އެއް މިންގަނޑު އެއީ. މޫނުބުރުގާ އެޅުން. ފިރިހެނުން ތުބުޅި ބެހެއްޓުން. ދެން އިޒާރުގެ މައްސަލަ. އެއީ މީހާ ލާހެދުން... އެއީ މުންޑުކަމަށްވިޔަސް ފަޓުލޫނުކަމުގައިވިޔަސް އަދި ފޮށައެއްކަމަށްވިޔަސް ތަނބިކައްޓަށްވުރެ ތިރިނުވާގޮތަށް ބެހެއްޓުން. އެއީ ދީނީ މައްސަލައެއް. އަޅުގަޑުމެން ކުޑައިރުގަ ކިޔަވަން އުޅުނު އިރުގަ މަދްރަސަތުލް އަމީރު އަހްމަދުގަ އަލްއުސްތާޛު އަހްމަދު ކާމިލްދީދީ، އަޅުގަޑުމެންގެ ނާޡިރު، އަޅުގަޑުމެން މުންޑު އަނދެފަ ހުންނަގޮތުން އިދާރާއަށް ގެންދަވައިގެން ތިހާ ތިރީގަ ހުރެގެން ކަމަކުނުދާނެއޭ ހުންނަން ޖެހޭނީ ތަނބިކައްޓަށްވުރެ ތިރިނުވާގޮތަށޭ ވިދާޅުވި. މިހާރު އެކަނިދޯ އަޅުގަޑުމެން ތަނބިކަށީގެ ވާހަކަ ދައްކަވަނީ. ކޮންއިރެއް އެއީ؟ އަޅުގަޑު މަދްރަސާގަ އުޅުނީ ހިޖްރައިން 1360 ވަނައަހަރު." (އެއީ މީގެ 68 އަހަރު ކުރިއެވެ).

ދެން ކޮންމެއަކަސް މިފަހަރު ލިޔަން ޤަޞްދުކުރި ބައި ނިމުނީއެވެ. ﷲގެ ރަޙުމަތްފުޅާއިއެކު އަދި މިއަށްވުރެ ތަފްޞީލީ ވާހަކަތައް، ޚާއްޞަކޮށް އިސްލާމީ އަދި ދިވެހި ތާރީޚުގެ ތެރެއިން ގެނެސްދޭނެ ކަމަށް ޢުއްމީދު ކުރާ ޙާލު މިނިކަމެތި އަޅާގެ ގަލަން މިވަޤުތައް ބާއްވަމެވެ.

إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ


އަތްތިލަބަޑި ޖެހުން!!!


އަތްތިލަބަޑިޖެހުމަކީ ސަލަފުއް ޞާލިޙުން ކުރެއްވި ކަމެއްނޫނެވެ. މިޒަމާނުގައި މިޖަހާ އައަތްޖެހުމުގެ ބަދަލުގައި އެބޭފުޅުން އެފަދަ ކަމެއް ދިމާވެއްޖެނަމަ ތަސްބީޙަ ނޫނީ ތަކްބީރު ވިދާޅުވެއެވެ. އަޑުހަރުކޮށެވެ. އެހެންނަމަވެސް އެންމެން އެކީ އެއް އަޑަކުން ނުކިޔައެވެ. ވަކިވަކިން އެމީހަކު އެމީހަކަށް ކިޔަނީއެވެ.

ވީމާ މޮޅު އިތުރު ވެގެންވާ ގޮތަކީ އަތްތިލަބަޑިޖެހުން ދޫކޮށްލުމެވެ. އެހެންނަމަވެސް މުސްލިމުން އެކަން ކުރަނީ އަޅުކަމެއްގެ ގޮތުގައި ނޫންކަމަށްވާތީ އެއީ ސީދާ ޙަރާމްކަމެކޭ  ބުނެވޭކަށް ނެތެވެ. މިއަދުގެ މުސްލިމުން ބައެއް ޙަފްލާތަކުގައި އަތްޖެހުމާ ޚިލާފަށް ކާފިރުން އެޒަމާނުގައި ގެފުޅުގެ ވަށައިގެން އަތްތިލަބަޑި ޖަހަމުން ދިޔައީ އަޅުކަމެއްގެ ގޮތުގައެވެ. ވީމާ އަލް އަންފާލު ސޫރަތުގެ 35 ވަނައާޔަތުގައި ބަޔާން ކުރައްވާފައި ވާ އަތްޖެހުން، މުސްލިމުން މި އަތްތިލަބަޑި ޖެހުމާ އެއްގޮތް ކުރުމަށް ދަލީލު ނެރުން ޞައްޙައެއް ނުވާނެއެވެ.

ވީމާ ޚުލާޞާ އަކީ، އެންމެމޮޅު އަދި އެންމެ ރަނގަޅު ގޮތަކީ އަތްތިލަބަޑި ޖެހުން ދޫކޮށް ސަލަފުންގެ ގޮތަށް ތަބާވުމެވެ. އެހެންނަމަވެސް އަތްތިލަބަޑި ޖެހުމަކީ ޙަރާމް ކަމެއް ނޫނެވެ. ފަޟީލަތުއްޝައިޚް އަލްޢައްލާމާ މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން رحمه الله ގެ ފަތުވާ އަކީވެސް މިއީއެވެ.

 

ކާމިޔާބު މީހުންގެ ކަލިމަ


އިންސާނާ ދުނިޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި

އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިބަމުން ދެއެވެ. އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ

ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން

ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވެ؟ އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ.

އެކިއެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. މިހާރުވެސް ތަފާތު މީހުން ތަފާތު ގޮތްގޮތްތަށް މިފަދަ ސުވާލުތަކަށް

ޖަވާބުދީ ހަދައެވެ. ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް

ވާންޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތަށްވެސް ހެއްދެވިފަރާތެއް ވާނެކަމެވެ. ކޮންމެއަކަސް އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބުދެވޭނީ ޙައްޤުގެ

ދީނުގެ ތެރެއިންލާފައެވެ. ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތް ތަކުގެ ތެރެއިން ސޫރަތެއް ކަމުގައިވާ  العصر ސޫރަތުގައި މާތް ވަނީ މާނައިން

ފުރިގެންވާ  ބަސްފުޅެއް  ވަޙީ ކުރައްވަވާފައެވެ. ވަގުތު ގަންދެއްވުމަށް ފަހު ދެން ވަޙީކުރަށްވަނީ ހަމަކަށަވަރުން އިންސާނާ ވަނީ ހަލާކުގެ ތެރޭގައި ކަމަށެވެ. އެ

ހަލާކުން ސަލާމަތް ވަނީ އިމާންވެ ހެޔޮ ޢަމަލު ކުރިމީހުންނާއި ޙައްޤަށާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން އެކަންޏެވެ. އަދި މާތް ރޫމް ސޫރަތުގެ

27  ވަޙީކުރެއްވިއެވެ.

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ

" އަދި އެކަލާނގެ އީ ޚަލުޤު ތަކުން ހައްދަވަން ފެއްޓެވި ރަސްކަލާނގެ އެވެ، އެއަށް ފަހު އެތަކެތި ޚލްޤު ކުރެއްވުން ތަކުރާރު ކުރައްވައެވެ. އެކަމަކީ

އެކަލާނގެއަށް ނުހަނު ލުއިފަސޭހަކަމެކެވެ."

ކޮންމެއަކަސް މި ބޮޑު ކާއިނާތަށް ނަޒަރު ހިންގާލުމުން އެތަކެތި ހެއްދެވި ފަރާތުގެ ފުރިހަމަކަން ހާމަވެގެންދެއެވެ. އަދިވެސް މާތް ވަޙީ ކުރެއްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.

"އެކަލާނގެއީ އެންމެފުރިހަމައަށް އެޗެތި ޚަލްޤު ކުރައްވާ ފަރާތެވެ."

ވީއިރު މި ބޮޑު އަދި ފުރިހަމަ ކާއިނާތުގައިވާ އެންމެ މަތިވެރި ކަލިމައަކަށް ވާންޖެހެނީ ކޮންކަލިމައެއްތޯއެވެ؟ ޝައްކެއްނެއް ގޮތުގައި އެއީ لا إله إلا اللَّه މިކަލިމައެވެ. އެކަލިމަ އަކީ އިސްލާމްދީން އެކަލިމައިގެ މަތީގައި ބިނާވެފައިވާ ކަލިމައެވެ. އެއީ ތަވްޙީދުގެ ކަލިމައެވެ. އެކަލިމައިގެ މަތީގައި އުޑުތަކާއި ބިން ޤާއިމު ވެގެންވާ ކަލިމައެވެ. އެކަލިމައަކީ  ނަރަކައިގެ ޢަޒާބުން އަޅުގަނޑުމެން ސަލާމަތް ކޮށްދޭ ކަލިމައެވެ. އެކަލިމައަކީ މަތިވެރިވެގެންވާ ސުވަރުގޭގެ ތަޅުދަނޑިއެވެ. އެކަލިމައަކީ އެކަލިމައިގެ ސަބަބުން އިންސާނުން ދެބަޔަކަށް ބަހާލެވިގެންދާ ކަލިމައެވެ. އެކަލިމަކީ އެކަލިމައަށްޓަކައި ޖިހާދުގެ މައިދާނުގައި ކަނޑިތައް އުފުލާލެވޭ ކަލިމައެވެ. އެކަލިމައަކީ އެއީ އިންސާނާ މި ދުނިޔެއަށް އަލްވަދާޢު ކިޔާއިރު އޭނާގެ ދުލުން ބޭރުވާ އެންމެފަހު ކަލިމައަކަށް އެކަލިމަ ވެއްޖެނަމަ ސުވަރުގެއަށް ވަނުމުގެ ހެޔޮ ނަޞީބު ލިބިގެންދާ ކަލިމައެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ވަނީ މިކަލިމައިގެ ޙަޤީޤީ މާނައަށް ޣާފިލްވެފައެވެ. އެބައިމީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި އެކަލިމަ ދުލުން ކިޔާލުމުން އެފުދުނީ ކަމަށެވެ. ނަމަވެސް ފަލާޙާއި ކާމިޔާބު ލިބިގަތުމަށްޓަކައި މިކަލިމަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ކުޑަ ބޮޑު ހުރިހާކަމެއް ގައި ޝާމިލުކުރަންޖެހޭ ކަލިމައެކެވެ. އެކަލިމައަކީ ހަމައެކަނި މިސްކިތްތައް ފަޅުފިލުވަން އޮތް ކަލިމައެއް ނޫނެވެ. ތިމާގެ ގެޔާއި އޮފީހުގަޔާއި މަގުމަތީގައި ހިނގާފައި ދާއިރުވެސް އެކަލިމައިގެ އަސަރު އަޅުގަނޑުމެންގެ ގައިގާ ވާން ޖެހޭކަލިމައެވެ. ތިމާ އެކަނިވާ ވަޤުތުތަކުގަޔާއި މީސްތަކުންނާ އެކުގައިވާ ވަޤުތުތަކުގައެވެ. އޭރުން އަޅުގަަނޑުމެންގެ ނަފްސުގައި އެކަލިމައިގެ ޙަޤީޤީ އަޘަރު ފެނިގެން ދާނެއެވެ. މިކަލިމައަށް އީމާންވެގެން ތިބި ތަވްޙީދުގެ އަހުލުވެރީންނޭވެ! އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ ޙަޔާތުގެ ލަގަން އެކަލިމަޔާ ދުރަށް ދީލާލައިފީމުއެވެ. އެކަލިމައިގެ ދުޝްމިނުން ދެކެ އަޅުގަނޑުމެން ލޯބިވާ ވަރާއި އެބައިމީހުންނަށްޓަކައި ޤުރުބާންވެވޭވަރާއި އެބައިމީހުންނާ ވައްތަރުވުމަށް ޓަކައި އަޅުގަނޑުމެން ފޫގަޅާލާފައި ވާވަރު ބައްލަވާލެއްވުމުންވެސް މިކަން ދޭހަވެއެވެ. ރިޒްޤުދެއްވަނީ މާތް ކަން ހަދާންނެތޭ ޙާލުގައެވެ. ޝިފާދެއްވަނީ އަޅުގަނޑުމެން ކާލާބޭސް ގުޅަކަމަށްހީ ވެފައެވެ. ވަކީލުކުރެވެނީ މަޚްލޫޤުތަކުންނަށެވެ. އެސްޓްރޮލޮޖީގެ ތަފާތު ނަކަތްތަކުގެ ސަބަބުން ނޫސް ތަކަށް މީސްތަކުން ޝައުޤުވެރިވެފައެވެ. ޒުވާނުން ހިތްހަމަޖެހުމާއި އަރާމު ޙާސިލް ކުރުމަށް ޓަކައި މިއުޒިކާއި މަސްތުވާތަކެއްޗަށް އެބައިމީހުންގެ މުޅިޙަޔާތް ހުސްކޮށްލާފައެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އެއްބަޔަކު އަނެއްބަޔަކާއި އެކު ކުރާ ބަދުއަޚްލާޤީ ޢަމަލުތަކަކީ ތިމާމެންނަށް ލިބޭ ކާމިޔާބެއް ނުވަތަ ފަޚުރެއްކަމަށްވެފައެވެ.  މަޚުލޫގުތަކުން ދެކެބިރުން މިތިބެނީ ގޮތްހުސްވެފައެވެ. ދެޖިންސު ހަމަހަމަ ނުވެގެން ތިމާ ހެއްދެވިފަރާތަށް ތިމާގެ ހިތުން އައިބު ކިޔޭހާލުގައެވެ. މިފަދަ ކިތަންމެކަމެއް އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުންދެޔެވެ. މިއީ ހައްތަހާވެސް لا إله إلا اللَّه މިކަލިމައަށް އަޅުގަނޑުމެންނަށް ފުރަގަސް ދެވިއްޖެކަށް ދަލީލްކޮށްދޭ ހެކިތަކެކެވެ. އަޅުގަނޑުމެންގެ ޙަޔާތުން އެކަލިމައިގެ އަސަރުނެތިގެން ދިޔަކަމުގެ ދަލީލު ތަކެވެ. އަޅުގަނޑުމެން މިޤާފިލްކަމުން ހޭލާނީ ކޮންއިރަކުންތޯ އެވެ. لا إله إلا اللَّه މިކަލިމައަށް އެބުރި އަންނާކަށް ނުވޭތޯއެވެ. އަޅުގަނޑުމެންގެ ދުލުން ފަޚުރުވެރިކަމާއި ހާމަކުރާ އިސްލާމްކަމުގެ ތެދުކަން ސާބިތުކޮންދޭކަށް ނުވޭތޯއެވެ. ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށާއި ތަޢާލާގެ މަތިވެރިވެގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް ފުރިހަމައަށް އީމާން ވާކަށް ނުވޭތޯއެވެ. މަޢްރިފާކޮން ދެނެގަތުމަށްޓަކައެވެ. އެކަލާންގެ ސިފަފުޅުތަކަށް ފުރިހަމައަށް އީމާންވުމުން އަޅުގަނޑުމެންގެ މުޅި ޙަޔާތް ބަދަލުވެގެން ދެއެވެ. މުޅި ޙަޔާތަށް ތާޒާކަމާއި އުޖާލާކަން ގެނެސްދެއެވެ. ހިތްތަކަށް މީރުކަމާއި ފޮނިކަންގެނެސްދެއެވެ. މުޅި ޙަޔާތް މާތް ރުއްސަވާ މަގުގައި ހޭދަކުރުމަށް ފަސޭހަވެއެވެ. މިސާލަކަށް އީ މޮޅަށް ބައްލަވާ އަދި އައްސަވާވޮޑިގެންވާ ރަސްކަލާނގެކަމަށް ފުރިހަމައަށް އީމާންވެވިއްޖެނަމަ އެކަލާނގެ ޙަރާމް ކުރެއްވި ކަންތަށްތަކަށް އަޅުގަނޑުމެން އަރައިގަންނާނެތޯއެވެ؟ އަޅުގަނޑުމެންގެ ހިތަށް އަރާތަކެތި އެކަލާނގެ ދެނެވޮޑިގެންވާކަމަށް އަޅުގަނޑުމެންނަށް ފުރިހަމައަށް އީމާންވެވޭނަމަ އެފަދަ ފާފަތައް ކުރުމަށް އަޅުގަނޑުމެން ވިސްނާނެތޯއެވެ. لا إله إلا اللَّه މިކަލިމައިގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ އަސަރުތަކުގެ ތެރޭގައި ހިތުގެ ޔަޤީން ކަމާއި ހިތްހަމަޖެހުމާއި މަޚްލޫޤުތަކުންދެކެ އޮންނަ ބިރުވެތިކަން ފިލައިގެން ދިއުމާއި މިފަދަ އެތައްފައިދާތަކެއް ލިބިގެންދެޔެވެ. ޔޫސުފްގެފާނު، ރީތިކަމާއި ޙަސަބާއި ނަސަބުގެގޮތުން އަރާހުރި ޢަޒީޒުގެ އަނބިކަނބަލުން ފާޙިޝް ކަމަށް ގޮވާލުމުން އެނުބައި ފާފައިން އެކަލޭގެފާނު ސަލާމަތް ކޮށްދިނީ ކޮންކަމެއްތޯއެވެ؟ މޫސާގެފާނު އެކަލޭގެފާނުގެ ކުރިމަތީގައި ބޮޑު މާސިންގާ ކަނޑު އޮވެފައި ފިރުޢަވުނުގެ ވަރުގަދަ ލަޝްކަރު އެކަލޭގެފާނު ފަހަތްޕުޅުން އައި އިރުވެސް އެކަލޭގެފާނަށް ސާބިތުކަންްދެއްވީ ކޮންކަމެއް ތޯއެވެ؟ އިބުރާހީމްގެފާނު އަނދައަނދާހުރި އަލިފާންގަނޑަށް އެއްލާލެވުނު އިރުވެސް އެއްވެސް ޖެހިލުމެއްވެނުލެއްވީ ކީއްވެތޯއެވެ؟ އެކަލޭގެ ފާނުގެ ލޯބިވާ ދަރިފުޅާއި އަނބިކަނބަލުން ހަނަފަސް ސަހަރާއަށް ދޫކޮއްލެއްވީ ކީއްވެތޯއެވެ؟ އަދި ހާޖަރު ގެފާނު އެ ހަނަފަސް ސަހަރާގައި ސާބިތުވެހުންނެވުމަށް މެދުވެރި ކުރެއްވީ ކޮންކަމެއްތޯއެވެ؟ އިސްމާއީލްގެފާނު ޤުރުބާންކުރެއްވުމަށް އެންގެވުމުން އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު އެއަމުރަށް ކިޔަމަންތެރިވެ ވަޑައިގަތީ ކީއްވެތޯއެވެ؟ ފިރުޢައުނުގެ ސިޙުރުވެރީން އިސްލާމުވުމުން ފިރުޢައުނު އެބައިމީހުންގެ އަތްފައި ކަނޑާ ސޮލީބަށް އެރުވުނުއިރުވެސް ސާބިތުވެ ތިއްބެވީ ކީއްވެތޯއެވެ؟ އަސްޙާބުލް އުޙްދޫދުގެ އަހުލުވެރީން އަލިފާނުގެ ވަޅުތަކަށް އުއްކެވުނުއިރުވެސް ސާބިތުވެތިއްބެވީ ކީއްވެތޯއެވެ؟ މިހިރީހައްތަހާވެސް لا إله إلا اللَّه ގެ އަސަރު ތަކުގެ މަތިވެރިވެގެންވާ ނަމޫނާތަކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ގެ ސިޔަރަތުގައި މިފަދަ އެތައް ރިވެތި ނަމޫނާތައްވެއެވެ. އަދިއެކަލޭގެފާނުގެ މަތިވެރި ސަޙާބީންގެ ޙަޔާތްވަނީ މިފަދަ ރީތި މިސާލުތަކުން ފުރިފައެވެ. رسول اللَّه صلى اللَّه عليه وسلم އެބޭފުޅުންނަށްވަނީ ރީތި ނަމޫނާތައް ދައްކަވާދެއްވަވާފައެވެ. މައްކާގެ މުޝްރިކުންގެ އުނދަގުލާއި ދުއްތުރާތައް އޭރުގަ އިސްލާމްވަމުން ދިޔަ ބޭބެފުޅުންނަށް  ކުރިމަތިވަމުން ދިޔައީ އިންތިހާ ދަރަޖައަށެވެ. އެއްދުވަހަކު ކީރިތިރަސޫލާ ކައުބާގެ ހިޔަލުގައި އިންނަވަނިކޮން އެކަލޭގެފާނުގެ ސަޙާބީން ވަޑައިގެން ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ނަޞްރު ދެއްވުމަށް އަށް ދުޢާނުކުރައްވަނީ ކީއްވެތޯއެވެ؟ އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ކުރިން އުޅުނުމީހުން އެމީހުން ދިރިތިއްބާ، އެއްބައި ވަޅުލާ ބޯ ދެ ފަޅިއަށް ފެޅީއްޖެއުމަށް ދާންދެން ކީސް އަޅައި ނުވަތަ މަސްތަކާއި ކަށިތައް ވަކިވެއްޖެއުމަށް ދާންދެން ދަގަނޑު ދަތިއަޅާ ހެދޫއެވެ." ސުވާލަކީ މިފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ އަޅުގަނޑުމެންނަށް ވާނީ ކިހިނެއްތޯއެވެ؟ لا إله إلا اللَّه މިކަލިމައިގެ ނޫރު އެކިބޭފުޅުންގެ ހިތުގައި ވިދަވިދައި ހުންނަނީ  އެކި މިންވަރަށެވެ. އެއްބައި ބޭފުޅުންގެ ހިތުގައި އެކަލިމައިގެ ނޫރު އިރުގެއަލިފަދައެވެ. އަނެއްބައި ބޭފުޅުންގެ ހިތުގައި ހަނދުގެ އަލިފަދައެވެ. އަނެއްބައި ބޭޅުންގެ ހިތުގައި ތަރިއެއްގެ އަލިފަދައެވެ. ނޫންނަމަ ހުޅުކޮޅެއް ފަދަވެސް ވެދާނެއެވެ. ނުވަތަ ކުޑަ އަލިފާންކައްޏެއް ފަދައިވެސް
ވެދާނެއެވެ. އަނެއްބަޔެއްގެ ހިތްވަނީ އެކަލިމައިގެ ނޫރު މުޅީން ފިލައިގެން ގޮސް ކަނުވެ އަނދިރިވެފައެވެ. މިދުނިޔޭގެ ހަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތައް އެކަލިމައިގެ  ނޫރުން އަލިކޮށް އުޖާލާކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ.


ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ (ބިރުވެތިވުމުގެ) މުހިއްމު ކަމަކީ ކޮބާ؟ އަދި ނަމާދުގައި ޚުޝޫޢަތްތެރި ވާނީ ކިހިނެތް؟


ނަމާދުގައި  ޚުޝޫޢަތްތެރިވުން ދެބަޔަކަށް ބެހިގެންދެއެވެ:-

ހ- އެއީ ނަމާދަށް ފުރިހަމަކަން ގެނެސްދޭ ކަމެކެވެ. އެއީ ނަމާދުގެ ރޫޙުވެސްމެއެވެ. ޚުޝޫޢަތްތެރި ވުމަކީ ތިމާގެ ހިތާއި ވިސްނުމާއި ފިކުރު ނަމާދުގައި ޝާމިލު ކުރުމެވެ. ފަހަރެއްގައިވެސް ނަމާދުގެ ޙަރަކާތްތައް ކުރާއިރު  ދުނިޔަވީ އެހެން ކަންކަމާ ތިމާ ފިކުރުކޮށް ހަދައިގެން ނުވާނެއެވެ.

ށ- އެއީ ނަމާދުގައި ޘަވާބާއި ދަރުމަ ނުހަނު އިތުރުވެގެންދާ ކަމެއްވެސް މެއެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނަށް ފަލާޙާއި ކާމިޔާބު ހުރިކަން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާން ކުރައްވާފައެވެ.

ނަމާދަށް ހާޒިރުވެ ހުންނަމީހާ އަބަދުވެސް ތިމާ މިހުއްޓި ހުރީ ﷲ ގެ ޙަޟުރަތުގައިކަން ހަނދާން ބަހައްޓަން ވާނެއެވެ. މިހެނީ ތިމާގެ ހިތުގައި ވާހާކަމެއް ﷲ ދެނެވޮޑިގެން ވާކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ރަސްކަލެއް ކައިރީ އަދަބު ވެރިކަމާއެކު ހުއްޓިހުރެގެން، ދުނިޔޭގައި ލެއްވިހާކަމެއް ހިތުގައި ބަހައްޓައިގެން ހުންނަ ގޮތަށް، ނެތުމުގެތެރެއިން ވުޖޫދަށް އަޅަމެން ގެންނެވި މާތްﷲ ހަޟުރަތުގައި ހުއްޓި ހުރެގެންވެސް ނުވާނެއެވެ. މާތްﷲއީ ސިއްރާއި ފައުޅު މޮޅަށް ދެނެވޮޑިގަންނަވާ ހުސްޠާހިރު ވަންތަ ފަރާތެކެވެ.

ވީމާ އަބަދުވެސް ތިމާ މިހުއްޓިހުންނަނީ ﷲގެ ޙަޟުރަތުގައި މުނާޖާ ދަންނަވަންކަން ހަނދުމަ ބަހައްޓަންވާނެއެވެ. މިސާލަކަށް ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވާ އިރު ތިމާގެ ކިޔެވުން ﷲ އައްސަވައި ވޮޑިގެން އިޖާބަ ދެއްވައެވެ. (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) ނަމާދުކުރާމީހާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދު ދަންނަވައިފިއެވެ" (الرَّحْمَنِ الرَّحِيمِ) އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޘަނާ ދަންނަވައިފިއެވެ" (مَالِكِ يَوْمِ الدِّينِ)އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ މާތްކުރައްވާ މަތިވެރި ކުރަށްވައިފިއެވެ" (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "މިއީ ތިމަން ﷲ ގެ އަޅާޔާ ތިމަން ﷲ އާ ދެމެދުގައިވާކަމެކެވެ. އެ އަޅާޔަށްއޮތީ އެ އެދުނު ކަމެކެވެ." (اهْدِنَا الصِّرَاطَ الْمُسْتَقِيمَ، صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) އަދި އަޅާ މިއާޔަތްތައް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "މިއީ ތިމަން ﷲ ގެ އަޅާޔަށްޓަކައި ވާކަމެކެވެ. ތިމަން ﷲގެ އަޅާޔަށް ވަނީ އެ އަޅާ އެދުނު ކަމެކެވެ."

މިހެން މިކަންތައް ހިތްމައްޗަށް ގެނެސްގެން ނަމާދުގައި ތިބެވޭނަމަ އަޅުގަނޑުމެންގެ ހިތްތަކަށް އިތުރު ކަމެއް ގެނެސްގަންނާނެ ފުރުޞަތެއް ލިބިގެންދާނެއެވެ!

 

ނަށާ އަންހެނުންނާއި ފާޙިޝް ލަވަތަކާއި މިއުޒިކު ޢާއްމުވެއްޖެނަމަ ޢުޤޫބާތް ދެއްވަފާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައި ނުވޭތޯއެވެ؟

بسم الله الرحمن الرحيم

إن الحمد لله، نحمده ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، وسيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله.

ޙަރާމްކުރައްވާފައިވާ ކަންކަމާއި ޙަލާލުކުރައްވާފައިވާ ކަންތައްތައް ވަނީ ބަޔާންކުރައްވައި އަންގަވާފައެވެ. މިދެކަންތައްތަކުގެ  ދެމެދުގައި ގިނަ ބަޔަކަށް އެކަންކަމުގެ ޙުކުމްނޭނގޭ ކަންތައްތަކެއް ވެއެވެ. އެކަންކަމުން ދުރުހެލިވެއްޖެ މީހާ އެމީހާގެ ދީން ޙިމާޔަތްކޮށްފިއެވެ.

ހަމަކަށަވަރުން ކަންކަން ޙަރާމްކުރުމާއި ޙަލާލުކުރުމަކީ ހަމަ އެކަނި ﷲ އަށް ނިސްބަތްވެގެންވާ ކަމެކެވެ. އެކަލާނގެ ޙަޟްރަތުން މިކަން ބަޔާންކުރައްވަނީ އެކަލާނގެ ރަސޫލާ صلى الله عليه وسلم އެވެ. އެކަލޭގެފާނުގެ ކިބައިން އަޅުގަނޑުމެންނާ ހަމައަށް ޙުކުމްތައް ފޯރުކޮށްދެއްވީ އުއްމަތުގެ މާތް ސަލަފު ދަންނަބޭކަލުންނެވެ. އެބޭކަލުން ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ހިފުމުގައި ވަނީ ބާއްޖަވެރިކަމާއި ކާމިޔާބެވެ. ޤުރްއާނުގައި އެބޭކަލުންނަށް ސަނާގެ ބަސްފުޅުތައް ވަޙީކުރައްވާފައިވެއެވެ. ސަލަފުއްޞާލިޙުންގެ ތެރެއިން އިސްކަން ލިބިވަޑައިގެންފައިވާ ބަޔަކީ މާތް ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނެވެ. ދީނުގެ ކަންކަމުގައި ހިފަންވާނީ އެބޭކަލުނާއި އެބޭކަލުންގެ މަންހަޖުގައި ތިއްބެވި ދަންނަބޭކަލުންގެ ރައުޔުގައެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ކަމަކާމެދު ޙުކުމެއް ބަޔާންކުރާ ކަމުގައި ވިއަސް ބަލަންޖެހޭނީ މިދެންނެވި އުޞޫލުގެ މައްޗަށެވެ. ނޫންނަމަ ތިމާގެ މަޤްޞަދު އޮޅި ތަޤްވާވެރިކަމުގެ ރިވެތި އުޞޫލުން އެއްކިބާވެވިދާނެއެވެ. އަޅުގަނޑުމެން އަބަދުވެސް ޙައްޤުގެ މަގުގައި ސާބިތުވޭތޯ ބަލަންޖެހޭނެއެވެ. ކަންކަމުގައި އޮންނަ އެންމެ ހެޔޮ ގޮތުގައި ހިފޭތޯ ބަލަންޖެހޭނެއެވެ. ޚިލާފު ހުރި ކަންކަމުގެ ތެރެއަށް ވަދެ ޢާއްމުންގެ ޚިޔާލު ވިއްސިވިހާލިވިޔަ ދިނުމުގެ ދޮރަކަށް އަޅުގަނޑުމެންގެ ބަސް ވެގެންނުވާނެއެވެ. ޞާލިޙު މުއުމިނުންގެ ގޮތަކީ މިއީއެވެ. ޒަމާނުގެ އިރާއި ހުޅަނގުން އަންނަ ރޯޅީގައި ޖެހި ބުރައިގެން ގޮސްގެން ނުމެވާނެއެވެ. ތިމާގެ ޝަޚުޞިއްޔަތު ނަގަހައްޓާ އެއްޗަކީ ހަމަ އެކަނި ތިމާގެ އަތުގައި އޮންނަ ފާހެއްނޫނެވެ. ތިމާގެ ޙިކުމަތާއި ޙިލްމެވެ. ޢިލްމުގެ މާލިމީއަކީ ޙިލްމެވެ. ބާރަ ތޭރަ އަހަރުވަންދެން ބިނާކުރާ ޝަޚުޞިއްޔަތެއް ހިނދުކޮޅެއްގެ ތެރޭގައި ފުނފުފުނޑުވެގެން ވެސް ހިނގައިދާނެއެވެ. އަދި ތިމާއަށް އެއުޅޭ ޤައުމެއްގެ ޢުރުފާއި ވެށިއޮތީ ކިހެނެއްކަންވެސް ދަތުމަކީ ދީނުގެ އެއްއުސޫލުކަން ހަނދުމަ ބަހައްޓަންވާނެއެވެ.

ވަނީ އެކަލާނގެ ދީން މީސްތަކުންނަށް ލުއި ފަސޭހަ ކޮށްދެއްވާފައެވެ. އެއްވެސް މީހަކަށް އެއަށް ވުރެ އިތުރަށް ދީން ލުއިފަސޭހަކޮށެއް ނުދެވޭނެއެވެ. ދީނުގެ ކަންކަމަށް އުނި އިތުރު ގެނައުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ.

މި ޞަފްޙާތަކަކީ މިއުޒިކާލަވަޔާއި ބެހޭގޮތުން އަޅުގަނޑު ތައްޔާރުކޮށްފައިވާ ކުޑަކުޑަ ދިރާސާއެކެވެ. މިދިރާސާ ތައްޔާރުކުރަންޖެހުނީ ޢަދާލަތު ޕާޓީގެ ރައީސް އަޅުގަނޑުގެ ޢިއްޒަތްތެރި އަޚު ފަޟީލަތުލްއުސްތާޛު ޙުސައިން ރަޝީދު އަޙްމަދު މިފަދަ ދިރާސާއެއް ތައްޔާރުކުރުމަށް އަޅުގަނޑަށް އިލްތިމާސްކުރައްވާފައިވާތީއާއި މިވަގުތު ފެތުރިގެން އުޅޭ ބައެއް ފަތުވާތަކާގުޅިގެން ވަރަށް ގިނަ ރަޙްމަތްތެރީން މިކަމަމާބެހޭ ގޮތުން އެއްޗެއް ލިއުމަށް އެދެމުންދާތީއާއި އަދި މިކަމުގައި އަމިއްލަ ބޭނުމެއް، ވަކި ތަޢައްޞުުބެއްނެތި ދީނުގެ ޙުކުމް ބަޔާން ކުރުމަކީ އަޅުގަނޑުގެ ވެސް ވާޖިބުކަމުގައި ދެކޭތީއެވެ. ﷲ އަޅުގަނޑަށް ޙައްޤު ގޮތް ބަޔާންކޮށް ދެއްވައި އަޅުގަނޑުގެ ޤަލަމް ޙައްޤަށްޓަކައި ކިޔަމަން ކުރައްވައިފާނދޭވެ!

މި ދިރާސާ ތައްޔާރުކުރުމުގައި އަޅުގަނޑު މަޢްލޫމާތުގެ މަޞްދަރުތަކެއް ކަމުގައި ބަލާފައިވަނީ ދުނިޔޭގެ ޢިލްމީ މަޖްލިސްތަކުގެ ފަތުވާތަކާއި ކީރިތި ޤުރްއާނުގެ ތަފްސީރުތަކާއި ސުންނަތުގެ ފޮތްތަކެވެ. އޭގެ ތަފްޞީލު ދިރާސާގެ ފަހަތުގައި ބަޔާންކޮށްފައިވާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް ޢިއްޒަތްތެރި ރަޙުމަތްތެރި ގާތް ބޭފުޅުންގެ ދޫފުޅުތަކުން ލަވަޔާއި މިއުޒިކާއި މިފަދަ ކަންކަން މުޠްލަޤުކޮށް ހުއްދަކަމުގައި ބަޔާންކުރައްވާ ހިނދު މިކަންކަމުގައި ދީނީ ގޮތުން ހުރި ތަފްޞީލުތައް ދެއްވާނަމަ ވަރަށް ރަނގަޅުވީހެވެ. ޚިލާފުވުމެއް ނުއުފެދުނީހެވެ. ރައްޔިތުން ބައިބައިނުވީހެވެ. މަގުފުރައްދަން އުޅޭ ބަޔަކަށް ފުރުޞަތުވެސް ނުލިބުނީހެވެ. ދީނީ ގޮތުން ޙުކުމްތައް ބަޔާންކުރުމުގައި ތަފްޞީލު ދެއްވުމުން ދީނަށް އުޅެން ފަސޭހަވެފައި މުންކަރާތްތަކުން ދުރުވުމަށް ވެސް ފަސޭހަވާނެއެވެ. 

ދުނިޔޭގެ ޢިލްމީ މަޖުލިސްތަކުގެ ފަތުވާތަކަށް ނަޒަރެއް:

ދުނިޔޭގެ މަޝްހޫރު ބޮޑު އެއްވެސް ޢިލްމީ މަޖުލީހަކުން  ލަވަޔާއި މިއުޒިކު ޢާއްމުކޮށް ނުވަތަ ޖުމުލަކޮށް ހުއްދަ ކަމުގައި ފަތުވާ ދެއްވާފައިނުވެއެވެ. އަދި ޢާއްމުކޮށް ނުވަތަ ޖުމުލަކޮށް ލަވައާއި މިއުޒިކު ޙަރާމްކަމުގައި ވެސް ފަތުވާ ދެއްވާފައިނުވެއެވެ. އެއީ މިމައްސަލައަކީ ޝަރުޢީ ގޮތުން އިތުރު ތަފްޞީލަކަށް ދާންޖެހޭ މައްސަލަތަތަކުގެ ތެރެއިން މުހިންމު އެއް މައްސަލަކަމުގައި ވާތީވެއެވެ.
 
އަލްއަޒްހަރުގެ ފަތުވާތަކާއި، ބައިނަލްއަޤްވާމީ އިސްލާމީ ދަންނަބޭކަލުންގެ މަޖިލިސްތަކާއި، މިޞްރުގެ ދާރުލްއިފްތާއާއި، ސަޢޫދީ ދަންނަބޭކަލުންގެ މަޖިލީހައި އެންމެހައި ތަންތަނުން ވެސް މިކަމުގައި ތަފްޞީލު ދެއްވާފައިވެއެވެ. އެންމެހައި ތަންތަނުގެ ފަތުވާތަކުގައި ވެސް ޖިންސީ ޣަރީޒާ އުތުރިއަރުވާ ފަދަ، ބަދުއަޚްލާޤީ ލަވަތަކާއި، މަކާރިމުލް އަޚްލާޤުން ބޭރުގައިވާ ލަވަޔާއި، ދެޖިންސުގެ މައްސުނި ނެށުމާއި މި ފަދަ ލަވަތަކާއެކުވާ މިއުޒިކާއި، ފާހިޝް ކަންކަމަށް މަގުފަހިވާ ހުރިހާ ޒާތެއްގެ ލަވައެއް ހުއްދަ ނޫންކަމުގައި ބަޔާންކުރައްވާފައިވެއެވެ. މިއީ އެންމެހައި ދަންނަބޭކަލުންނާއި ޢިލްމީ މަޖްލިސްތަކުން ޙަރާމްކަމަށް އިއްތިފާޤުވެވަފައިވާ ދާއިރާއެވެ. 

ހުއްދަ ލަވަތަކަކީ ކޮބާ؟

ކާވެނީގެ ޙަފްލާތަކުގައްޔާއި ޢީދު ދުވަސްތަކާއި އެނޫންވެސް މިފަދަ ދުވަސްތަކުގައި އުފާފާޅުކުރުމުގެ ގޮތުން އަޚްލާޤީ ހަމަތަކުގެ ތެރޭގައި ތަހުނިޔާގެ ލަވަތައް ކިޔުމަކީ ދީން މަނާކޮށްފައިވާ ކަމެއްނޫނެވެ. އަދި ޤައުމީ ލަވަތަކާއި، އެކުވެރިކަން އާލާވާ ފަދަ ލަވަތަކާއި، މަދަޙައާއިޘަނާއާއި ދުޢާއާއި، އިޞްލާޙަށް ގޮވާލާ ލަވަތަކާއި މަކާރިމުލްއަޚްލާޤުގެ ތަރަހައިގައި ވާފާހިޝްކަމެއް ނެތް މިފަދަ ކޮންމެ ލަވައެއް ދީނުގައި ވަނީ ހުއްދަކުރައްވާފައިކަމަށް ފަތުވާތަކުގައި އައިސްފައިވެއެވެ. މިފަދަ ލަވަތަކާއެކު ދެޖިންސު މައްސުނިވެ ނެށުމުން ހުއްދައެއް ނުވާނެއެވެ.

މިފަދަ ލަވަތައްވެސް އެންމެ ހެޔޮކަންބޮޑު ގޮތަކީ މިއުޒިކާނުލައި ކިޔުންކަމުގައި ގިނަ ޢިލްމުވެރިން ދެކިލައްވައެވެ. މިފަދަ ލަވަތައް މިއުޒިކާއެކު ހުއްދަވާނޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. އިތުބާރު ހުރި ގިނަ ދަންނަބޭކަލުންގެ ރައުޔު އޮތީ މިފަދަ ލަވަތައް ވެސް މިއުޒިކާއެކު ކިއުން ހުއްދަ ނޫންކަމަށެވެ. ނަމަވެސް ތާރަޖެހުން ހުއްދަވެގެންވާ ކަމުގައި އެބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ.


އުއްމުލްމުއުމިނީން ސިއްތުނާ ޢާއިޝަތުގެފާނުންގެ ޙާދިސާ:

މައްސަލައިގެ ތަފްޞީލު ބެއްލެވުމެއްނެތި ލަވަޔާއި މިއުޒިކު އެކީއެކައްޗަކަށް ހުއްދަކަމުގައި ވިދާޅުވެ އެކަންކުރުމަށް ބާރުއަޅުއްވައި ފަތުވާދެއްވާ ބޭފުޅުންގެ އެއްދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަނބިކަބަލުންގެ ޙާދިޘާއެވެ. އުއްމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ލަވަގުރޫޕެއް ގެންނަވައިގެން އެގްރޫޕް ލައްވައި ނެއްޓުވީ ޖިންސީ ޣަރީޒާ އިންސާނާގެ ހިތުގެ ތެރޭގައި ހިލުވާލާ ފަދަ ޢިޝްޤީ ނާޒުކީ ނެށުމާއެކު ބަރަހަނާ ޙާލުގައިތޯއެވެ؟ އެއީ އަނެއްކާ ތިޔަ ބުނާ ޒާތުގެ ގްރޫޕެއްތޯއެވެ؟ ނުވަތަ ކުޑަ ދެ އަންހެން ކުދީންތޯއެވެ؟ ބާލިޣު ނުވާ އެދެ ކުދީން ކީލަވަޔަކީ " ހިތް އެދޭތީ މަ އެދެމޭ ސަމާސާކުރަން" ފަދަ ލަވައެއްތޯއެވެ؟

ޙަދީޘް ޢިލްމުގެ ފޮތްތައް ބައްލަވާށެވެ! އެއީ ބާލިޣުނުވާ ކުޑަ ދެ އަންހެނުން ކުދީން ކަމުގައި ބަޔާންކުރެވިފައިވާނެއެވެ. އެކުދީން ކީލަވަޔަކީ ޙަރާމް މިއުޒިކީ ލަވައެއް ނޫނެވެ. ޢަރަބީން ޢީދު ދުވަހު އުފާކުރުމަށް ކިޔާ ފަދަ ޢާއްމު ލަވައެކެވެ. އެދުވަހަކީ ޢީދު ދުވަހެކެވެ. އަދި އެފަދަ ރަނގަޅު ލަވައެއް އަޑު އިވިވަޑައިގަތުމުންވެސް އެކަމަށް އިންކާރު ކުރައްވައި އަބޫބަކުރުއްޞިއްދީޤަށް ވިދާޅުވެވުނީ " ކީރިތި ރަސޫލާގެ ކޮޓަރިކޮޅުތެރެއިން ޝައިޠާނާގެ އަޑު އިވެނީހެއްޔެވެ؟ " ނަމަވެސް ކީރިތި ރަސޫލާ صلى الله عليه وسلم އެކަން ނުހުއްޓުވީ އޭގައި ޙަރާމް ފާހިޝްކަމެއް ނެތީމައާއި އެއީ ކުޑަ ދެކުދީންކަމުގައިވީތީއާއި އަދި ޢީދު ދުވަސްކަމުގައިވީތީކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އަދި މިދެކުދިންނަކީ އާއްމުކޮށް ލަވަކިޔައިނަށައިއުޅޭ ކުދިންނޫންކަން ވެސް ޢާއިޝަތުގެފާނުގެ ބަސްފުޅުން ދޭހަވެއެވެ. ބުޚާރީއާއި މުސްލިމްގައި ވަނީ މިފަދައިންނެވެ. " وَلَيْسَتَا بِمُغَنِّيَتَيْنِ " މާނައީ: އެއީ ލަވަކިޔައިއުޅޭ ކުދިންނެއްނޫނެވެ.

އިމާމު އިބްނު ޚަޖަރު ބުޚާރީގެ ޝަރަޙަ ފަތުޙުލްބާރީގައި މިޙަދީޘުގެ ޝަރަޙަ ކުރެއްވުމުގައި އިމާމު ޤުރުޠުބީގެ މިބަސްފުޅު ނަގުލުކުރައްވާފައި ވެއެވެ. وَاسْتَدَلَّ جَمَاعَة مِنْ اَلصُّوفِيَّةِ بِحَدِيثِ اَلْبَابِ عَلَى إِبَاحَةِ اَلْغِنَاء وَسَمَاعِهِ بِآلَةٍ وَبِغَيْرِ آلَة , وَيَكْفِي فِي رَدِّ ذَلِكَ تَصْرِيح عَائِشَة فِي اَلْحَدِيثِ بِقَوْلِهَا " وَلَيْسَتَا بِمُغَنِّيَتَيْنِ " މާނައީ: މިޙަދީޘުގެ އަލީގައި މިއުޒިކާއިއެކުގައްޔާއި މިއުޒިކު ނުލައި ލަވަކިއުމާއި ލަވަ އަޑުއެހުން ބައެއް ޞޫފީން ހުއްދަ ކުރެއެވެ. އެމީހުން ރައްދުދިނުމުގައި ޢާއިޝަތުގެފާނު ޙަދީޘުގައި ވިދާޅުވެފައިވާ މިބަސްފުޅު "وَلَيْسَتَا بِمُغَنِّيَتَيْنِ" ފުދެއެވެ. އަދިވެސް އިބްނު ޙަޖަރު މިޙަދީޘުގެ ޝަރަޙައިގައި ވިދާޅުވެފައި ވެއެވެ. وَهَذَا اَلنَّوْع إِذَا كَانَ فِي شِعْرٍ فِيهِ وَصْف مَحَاسِنِ اَلنِّسَاءِ وَالْخَمْرِ وَغَيْرهمَا مِنْ اَلْأُمُورِ اَلْمُحَرَّمَةِ لَا يُخْتَلَفُ فِي تَحْرِيمِهِ ، قَالَ : وَأَمَّا مَا اِبْتَدَعَهُ اَلصُّوفِيَّة فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ މާނައީ: މިފަދަ ލަވަޔާއި ޅެމުގައި އަންހެނުންގެ ސިފަތައް ބަޔާންކުރުމާއި ރާގެ ވާހަކަ ދެއްކުމާއި މިފަދަ ޙަރާމްކުރެވިގެންވާ ކަމެއް ހިމެނޭ ކަމުގައި ވަނީނަމަ އެއީ ޙަރާމް ކަމެއްކަމުގައި ދަންނަބޭކަލުންގެ މެދުގައި ތަފާތުވުމެއް ނެތެވެ. އަދިވެސް ވިދާޅުވެފައި ވެއެވެ. ޞޫފީންގެ މީހުން މިކަމާމެދު މިގެންގުޅޭ ގޮތްތަކަކީ ޚިލާފުކަމެއްނެތި ޙަރާމްވެގެންވާ ކަންކަމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅާއި ޅެންވެރިކަން:

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން މިއަދު މި ކިޔާފަދަ ވަޙުޝީ ލަވަތައް ފެނިފައި ނުވެއެވެ. އެކަލޭގެފާނު އެފަދަ ކަމަކަށް އެއްބަސްވެވަޑައިގެންފައި ވެސް ނުވެއެވެ. ވަޙުޝީ ލަވަތަކާއި ބަރަހަނާކޮށް ޢައުރަ ނިވާނުވާ ވަރުގެ ފޭރާން ލައިގެން ތިބެ ދެޖިންސުގެ މީހުން ނެށުމާއި މިފަދަ އެއްވެސް ކަމެއް އިސްލާމްދީނުގައި ހުއްދަކުރައްވާފައިނެތެވެ. އަދި އެއްވެސް ސަމާވީ ރިސާލަތެއްގައި މިފަދަ ކަމެއް ހުއްދަކުރައްވާފައިވާ ކަމެއް އެނގިފައިނެތެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފެނިފައިވަނީ ހަނގުރާމަތަކުގެ ޝާއިރުންނާއި އުންމަތުގެ ޢާއްމު ކަންކަމުގައި ހިއްވަރުދޭ ޅެންވެރިންނެވެ. އަޞްޙާބު ބޭކަލުންގެ ޅެންތަކުގައި ﷲއަށް މަދަޙައާއި ޘަނާ ދަންނަވާފައިވެއެވެ. ކީރިތި ރަސޫލާ ދިފާޢުކުރައްވާފައިވެއެވެ. އިސްލާމްދީން މަތިވެރިކުރައްވާފައިވެއެވެ. ކަޢުބު ބިން ޒުހައިރާއި ޙައްސާންބުނި ޘާބިތާއި މިފަދަ އެތައް ބޭކަލުންނެއް އަޞްޙާބު ބޭކަލުންގެ ތެރެއިން މިގޮތުން ފާހަނގަކޮށްލެވެއެވެ. 

ޙައްސާން ބިން ޘާބިތު، ޢަލީ ބިން އަބީޠާލިބު ފަދަ އަޞްޙާބުބޭކަލުން ލައްވައި ހަނގުރާމަތަކުގައި މުސްލިމުންގެ ލަޝްކަރުގައި ތިއްބަވައިގެން ދުޝްމަނުން ބަލިކުރުމަށް ޅެންކިޔުއްވައި އުޅުއްވިއެވެ. ހަނގުރާމައެއްގައި ކީރިތި ރަސޫލާ ޙައްސާން ބިން ޘާބިތައް ހިއްވަރު ދެއްވިއެވެ. "ޙައްސާން އެވެ. ކުރިއަށް ގެންދަވާށެވެ! ތިބާއެކު ޖިބްރީލް ވެއެވެ."

ޚައިބަރުގެ ދުވަހުގައި ހިއްވަރު ދެއްވައި ބައެއް އަޞްޙާބު ބޭކަލުން ޅެންކިޔުއްވިއެވެ. އަންބާތަށް ވިދާޅުވިއެވެ. މިފަދަ ދަލީލުތަށް ނަގައިގެން މިއުޒިކާއި ހުރިހާ ލަވަތަކެއް ހުއްދަކުރެވިދާނޭ ކަމަށް މުޢުތަބަރު އެއްވެސް ދަންނަބޭކަލަކު ވިދާޅުވެފައިނުވެއެވެ.

ޚައިބަރުގެ ދުވަހު އިތުރު އެކަލޭގެފާނު ޅެންބައިތުތަކެއް ވިދާޅުވާން އުޅުއްވައި ރަނގަޅަށް ވިދާޅުނުވެވިގެން އުޅުއްވާތީވެ އެތަން ފެނިވަޑައިގެން އަބޫބަކުރުގެ ފާނު ކީރިތި ކުރައްވައި ވިދާޅުވީ ޔާސީން ސޫރަތުގެ 69 ވަނަ އާޔަތެވެ! އެ އާޔަތުގައި ވަނީ "އެކަލޭގެފާނަށް ތިމަން ﷲ ޅެންވެރިކަން ދަސްކޮށް ދެއްވާފައި ނުވަމުއެވެ. ޅެންވެރިޔަކަށް ވެވަޑައިގަތުމަކީ އެކަލޭގެފާނަށް އެކަށީގެންވާ ކަމެއްނޫނެވެ. ނަމަވެސް އެކަލޭގެފާނަށް އުނގަންނަވައިދެއްވީ ޤުރްއާނެވެ. އެއީ ބުއްދީގެ އަހުލުވެރީންނަށް ހުރި ހަނދުމަކޮށްދިނުމެކެވެ. އަދި އެއީ ބަޔާންވެގެންވާ ޤުރްއާނެވެ."

ޢަރަބީންގެ ތެރޭގައި އެހާވަރަށް ޅެންވެރިކަން މަޝްހޫރުވެފައި ވީހިނދު މާތް ﷲގެ ނަބިއްޔާ އަށް އެކަމުގެ ހުނަރެއް ލިބިވަޑައިގެންފައި ނެތެވެ. އެހެނީ އެކަލޭގެފާނަކީ ވަކިކަމަކަށް ﷲގެ ޙަޟުރަތުން ޚާއްޞަ ތަރުބިޔަތެއްގެ ތެރޭގައި ބޮޑުފުޅުވެވަޑައިގެންފައިވާ ބޭކަލެކެވެ. ނަމަވެސް ކުރީން ހިތްޕުޅުން ދަސްފުޅުކުރައްވާފައިވާ ބައެއް ޅެންބައިތުތައް ވިދާޅުވެވޭތޯ ބައްލަވައެވެ. ނަމަވެސް އެޒަމާނުގެ ޢަރަބީންގެ ހުންނަ ޒާތުގެ ހުނަރުވެރިކަމެއް ލިބިވަޑައިގެންފައިނެތެވެ. އެކަން އެހެންވިނަމަ އެކަލޭގެފާނާމެދު ޤުރައިޝުންގެ ކާފަރުން ގޮވަމުންދިޔަ ބަސްތައް މީސްތަކުންނަށް ޤަބޫލު ކުރެވުނީހެވެ! އެމީހުން ބުނަމުން ދިޔައީ އެއީ ކަހީނެކެވެ. އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ. ސުބުޙާނަﷲ އެވެ. އެއީ އެންމެ މާތް ނަބިއްޔާއެވެ.

ޅެންވެރިންނާއި ކީރިތި ޤުރްއާން:

އާދެ! ޅެންވެރިކަމަކީ ދީން މަނާކޮށްފައިވާ ކަމެއްނޫނެވެ. ޅެންވެރިކަމަކީ ބަހުގެ ރައުސްމާލެވެ. އިސްލާމީ ތާރީޚުން ވަރަށް ވަރުގަދަ ޅެންވެރިން ފެނިފައިވެއެވެ. މުތަނައްބީ، ފަރަޒްދަޤު މެންފަދަ ބޭފުޅުންނެވެ. ޙައްސާނު އިބްނު ސާބިތު ފަދަ ޞަޙާބީންނެވެ. މިފަދަ ބޭފުޅުންގެ ޅެންވެރިކަމުން އިސްލާމީ އަދަބިއްޔާތުގެ ޚަޒާނާ މުއްސަނދިވެ ޒީނަތްތެރި ވެފައިވެއެވެ. ޤުރްއާން ބާވާލެއްވުނު އިރު ޢަރަބީންގެ ތެރޭގައި ޅެންވެރިކަން އޮތީ ވަރަށް މަތީ ދަރަޖައެއްގައެވެ. އެބައިމީހުންގެ ޝަރަފަކީ އެއީއެވެ. ބަޔަކު ދެކެ ރުހުމުން އެމީހުނާ މެދު ޅެންހަދައި އެވަރުގެ ބައެއް ނެތްކަމުގައި ދައްކައެވެ. ބަޔަކު ދެކެ ނުރުހުމުން އެބައިމީހުން ފަދަ ނުބައިކަންބޮޑު ބަޔަކު ނެތްކަމަށް ދައްކައި ޒާތްޒާތުގެ ޅެންހަދައި ލަވަކިޔަ އުޅުނެވެ. ކީރިތި ޤުރްއާނުގައި މިބައިމީހުންނަށް ހެޔޮ އިރުޝާދުތައް ބާވާލައްވާފައިވެއެވެ. 

މިގޮތުން ފާހިޝް ކަންކަން ފަތުރައި އެކަންކަމަށް ހިއްވަރުދީ އަމިއްލަ އެދުމަށް ތަބާވާ ޅެންވެރިންނަށް ޤުރްއާނުގައި ލަޢްނަތް އައިސްފައިވެއެވެ. އައްޝުޢަރާ ސޫރަތުގެ 224 – 226 ގައި ބާޠިލްގޮތުގައި ޅެންހަދައި ޅެން ކިޔައި، ނުބެހޭ ކަންކަމާބެހި، ޅެމުން ފާހިޝް ކަންކަން ފަތުރައި ޅެންހަދައި މީސްތަކުންގެ އަބުރާ ކަރާމަތް ގެއްލުވައި އަންހެނުންގެ ޢިއްފަތާއި ކަރާމަތް ނަގާލާ، ޙައްޤު ފޮރުވަން އުޅޭ، ބަހާ ޢަމަލާ ދިމާނުވާ ޅެންވެރިންނާމެދު އެއީ އަނިޔާވެރީންކަމުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

އަދި ބަހާ ޢަމަލާ ދިމާވާ، އެބައިމީހުންގެ ލަވަޔާއި ޅެންތަކުން ﷲގެ ދީނަށް ނަޞްރުދީ، ކީރިތި ރަސޫލާގެ ދިފާޢުގައި ޅެންކިޔައި އިސްލާމްދީނަށް ނަޞްރުދީ  އުޅޭ ޅެންވެރީންނަށް މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެއީ ހަމަ އެސޫރަތުގެ 227 ވަނަ އާޔަތުގައެވެ.

ކީރިތި ރަސޫލާއަށް ދެއްވާފައިވާ އިންޒާރުގެ ބަސްފުޅުތައް:

ލަވަކިޔުމަކީ ހުއްދަކަމެކޭ ވިދާޅުވެ ވާހަކަ ދައްކަވާ ބޭކަލުން މިކަމުގައި ތަފްޞީލް ދެއްވަން ޖެހޭނެއެވެ. އެހެންނޫނީ މިކަމުގައި ބަޔަކު މަގުފުރެދި އުންމަތް ހަލާކުވެދާނެއެވެ. ރަސޫލާصلى الله عليه وسلمގެ އިންޒާރުގެ ބަސްފުޅެއްގައިވެއެވެ.

''ތިމަންކަލޭގެފާނުގެ އުންމަތުގައި ބަޔަކު ގަންބަވައިލެއްވުމާއި، ބައެއްގެ މައްޗައް އުޑުން ހިލަވެއްސެވުމާއި ބިންހެލުމާއި ސިފަ ބަދަލުކުރެއްވުން، މިކަންތައް ފަހުން އަންނަހުއްޓެވެ. އެހެން ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނަށްދެއްނެވުނެވެ. އެކަންދިމާވާނީ لا إله إلا الله  ކިޔައިގެން އުޅޭބަޔަކަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އާއެކެވެ. އެބައިމީހުންގެތެރޭގައި ލަވަކިޔާ ނަށާ އަންހެނުންނާއި މިއުޒިކާއި ފާޑުފާޑުގެ ބަނގުރާ ފާޅުވެ ޢާންމުވެއްޖެނަމައެވެ.''

ބައެއް ޙަދީޘްތަކުގައި އަންނަނީ:

" މި އުންމަތުގެ މީހުންގެ ތެރެއިން ބަޔަކުމީހުން ކުޅިވަރާއި މަޖަލާއި ފާހިޝް ލަވަތަކާއި މިއުޒިކާ ނަށާ ބަރަހަނާ އަންހެނުނާ އެކު އެބައިމީހުން ރޭތައް ދިރުވަން ތިއްބާ އިރު އެރުމުގެ ކުރީން ރާމާމަކުނާއި އޫރުގެ ސިފަ އެބައިމީހުން ޖައްސަވައި ﷲ އެބައިމީހުން ހަލާކު ކުރައްވައި ޢަޛާބު ދެއްވާނެއެވެ. އަދި ހެނދުނު ވުމުން މީސްތަކުން ބުނާނެތެވެ! ﷲ އެބައިމީހުންގެ ސިފަ ބަދަލުކުރެއްވައިފިއެވެ." 

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
"
ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެތެރޭގައި ފަނަރަ ކަމެއް ޢާއްމުވެއްޖެ ނަމަ ބަލާވެރިކަން ފެތުރިދާހުއްޓެވެ" ....... އެކަންތައްތައް ބަޔާންކޮށްދެއްވަމުން އޭގެ ތޭގައި ... " ނަށާ އަންހެނުންނާއި މިއުޒިކު ޢާއްމުވުން " ހިމެނޭ ކަމުގައި ލޮބުވެތި ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ. 

މިޙަދީޘްތައް އިމާމު އަޙްމަދާއި، އިމާލުލްޙާކިމު ރިވާކުރައްވައި ޞައްޙަކުރައްވާފައިވެއެވެ. އަދި އިމާމު އިބުނު އަބިއްދުންޔާއާއި، އިމާމު ތިރުމިޛީ، އިމާމު އަބޫދާވޫދު، އިމާމުލްބައިހަޤީ އިމާމު އިބުނު މަރުދަވައިހިއާއި އައްޠަބަރާނީއާއި ޙަދީޘް ޢިލްމުގެ ފުންނާބު އުސް މި ނޫނަސް އެތައް ދަންނަބޭކަލުން ރިވާކުރައްވާފައިވެއެވެ.

އިސްވެދިޔަ ޙަދީޘްތަކުގެ އިތުރުން މިއުޒިކާއި ފާހިޝްލަވަޔާއި ނަށާއަންހެނުންގެ ކިބައިން ރައްކާތެރިވެ ތިބުމާބެހޭގޮތުން ﷲގެ ރަސޫލާގެ ޙަދީޘްފުޅުތައް ރިވާކުރެއްވި އަޞްޙާބު ބޭކަލުންގެ ތެރޭގައި ﷲ ރުއްސުންލެއްވި އަބޫ އުމާމާއާއި، އަނަސް ބިން މާލިކާއި މުޢާޛު ބިން ޖަބަލުއާއި، ޢަބްދުﷲ ބިން ޢުމަރާއި، ޢަބްދުﷲ ބިން ޢައްބާސްއާއި، ޢަބްދުﷲ ބިން މަސްޢޫދާއި، ޢުމްރާން ބިން ޙުޞައިނާއި ޢަލީ ބިން އަބީޠާލިބާއި ވަރަށް ގިނަގުނަ އަޞްޙާބު ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

އަދިވެސް އިމާމު އަޙްމަދާއި އިބްނު އަބީ ޝައިބާއާއި އިމާމު ބުޚާރީ އެކަލޭގެފާނުންގެ ތާރީޚުގައި ޞައްޙަ މަގުން މިފަދައިން ރިވާކުރައްވާ ކުރައްވާފައި ވެއެވެ. لَيَشْرَبَنَّ أُنَاس مِنْ أُمَّتِي الْخَمْر يُسَمُّونَهَا بِغَيْرِ اِسْمهَا تَغْدُو عَلَيْهِمْ الْقِيَان وَتَرُوح عَلَيْهِمْ الْمَعَازِف މާނައީ: ތިމަން ކަލޭގެފާނުންގެ އުއްމަތުގެ މީހުންގެ ތެރޭގައި ރާގެ ނަންބަދަލުކޮށްގެން ރާބޮއި ތިމާމެންގެ ގާތަށް ނަށައިލަވަކިޔާ އަންހެންކުދިން ގެނެސްގެން މިއުޒިކްކުޅެ ލަވަކިޔައި ހަދާނެ މީހުން އަންނާނެއެވެ. މިއެވެ. އިމާމު ބުޚާރީ އެކަލޭގެފާނުންގެ ޞަޙީޙުލްބުޚާރީގައި މިޙަދީޘަށް އިޝާރާކުރައްވައިމުން އެހެން ރިވާޔަތެއް ބާބެއްގެ ސިފައިގައި ގެންނަވާފައި ވެއެވެ. އޭގައި މިފަދައިން ވެއެވެ. لَيَكُونَنَّ فِي أُمَّتِي أَقْوَام يَسْتَحِلُّونَ الْحَرِير وَالْخَمْر وَالْمَعَازِف މާނައީ: ތިމަންކަލޭގެފާނުންގެ އުއްމަތުގައި ބަޔަކު މީހުން ފަށުއްވާއި ރާއާއި މިއުޒިކް ހުއްދަކުރާނެއެވެ. މިއެވެ.

މި ފަދަ ޙަދީޘްތައް އެތައް ދަންނަބޭކަލުން ބަޔާންކުރައްބާފައިވެއެވެ. މިފަދަ އެތައް އެތައް ޙަދީޘެއް ވަނީ މިކަމާގުޅޭ ގޮތުން އިސްލާމްދީނުގެ ދަންނަބޭކަލުންނާއި ޢިލްމުވެރިން ކީރިތި ރަސޫލާގެ އަރިހުން ރިވާކުރައްވާފައެވެ.

މިއުޒިކާމެދު ކީރިތި ޤުރްއާނުގެ ހިދާޔަތު:

މިއުޒިކާއި ލަވައިގެ ޙުކުމް ބަޔާންކުރެއްވުމުގައި ދަންނަބޭކަލުން ކީރިތި ޤުރްއާނުން ތިން ދަލީލެއް ނަންގަވައެވެ.
1-
އަލްއިސްރާއު ސޫރަތުގެ 64 އާޔަތުގައި ޝައިޠާނާ ﷲގެ އަމުރުފުޅަށް އާދަމްގެ ކުރިފުޅުމައްޗަށް ސަޖިދަ ނުޖެހުމުން އޭނާ ބިމަށް ފައްސަވައިލައްވަމުން އޭނާ އަށް ވަޙީކުރެއްވި ބަސްފުޅު ބަޔާންކުރައްވާފައިވެއެވެ.
"وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ" މާނައަކީ" އޭ ޝައިޠާނާއެވެ! ކަލޭގެ އަޑު އެބައިމީހުންނަށް އިއްވައިގެން އެބައިމީހުން މަގުފުރެއްދޭތޯ ނިކަން ކަލޭ ބަލާށެވެ! ) ޝައިޠާނާގެ އަޑުކަމުގައި އެވަނީ މިއުޒިކާއި ފާހިޝް ލަވަތައް ކަމުގައި އެތައް އެތައް އަޞްޙާބު ބޭކަލުންނާއި ތާބިޢީ އިމާމުންގެ އަރިހުން އުންމަތުގެ ބޮޑެތި މުފައްސިރުންނާއި ދަންނަބޭކަލުން ރިވާކުރައްވާފައިވެއެވެ. ތަފްސީރުލްބަޣަވީ/ ތަފްސީރު އިބުކަޘީރު/ ތަފްސީރު ފަތުޙުލްޤަދީރު/ ތަފްސީރުލްޖަލާލައިން/ ތަފްސީރުއްޠަބަރީ އިން މިއާޔަތުގެ ތަފްސީރަށް ބައްލަވާށެވެ!

މިނޫން އެހެން ހުރިހާ ތަފްސީރުތަކުގައި ވެސް މިކަމާމެދު ޢިލްމުވެރިންގެ ބަސް ބަޔާންކުރައްވާފައިވެއެވެ. ޢިލްމުވެރިން އެބަޔާންކުރައްވަނީ ހަމަ ތެދުފުޅެކެވެ. އަޅުގަނޑުމެންގެ ޓީވީތަކުންނާއި ވަސީލަތްތަކުން އެދައްކަނީ ކޮންފަދަ ޝައިޠާނީ މަންޒަރުތަކެއްތޯއެވެ؟ ﷲ ހަނދުމަ ނެތިކޮށް މާތްވެގެންވާ ރޯދަމަހުގެ ރޭތަކާއި ދުވާތައްވެސް ކިތަންމެ ބަޔަކު ހޭދަކޮށްފައިވަނީ އެއާއެކުގައެވެ. 

މުސްލިމު އަޚުންނާއި އުޚްތުންނޭވެ!
މަތީގައި ބަޔާންވެދިޔަ އާޔަތާ ޖެހިގެން
އޮތް އާޔަތަކީ 65 ވަނަ އާޔަތެވެ. އޭގައި ވަނީ މިފަދައިންނެވެ."إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلاً" މާނައީ: ޝައިޠާނާ އެވެ! ތިމަންﷲ އަށް ކިޔަމަންވެ ތިމަންﷲގެ ރަސޫލާއަށް ތަބާވީ މީހުން ކަލޭގެ ބަހެއް އަދި އަޑެއް ނާހާނެއެވެ. އެބައިމީހުންގެ މައްޗަކަށް ކަލެއަށް ބާރެއް ނުފޯރާނެއެވެ. އަދި އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަކީލަކު ކަމުގައި ފުދެއެވެ. މުޝްރިކުންގެ ދުއްތުރާތަކާމެދު ކަލޭގެފާނު ހިތާމަފުޅުނުކުރައްވާށެވެ! މިއެވެ. އަދި އެހެން އާޔަތްކުގައި އައިސްފައިވަނީ ޝައިޠާނާ ބާރު ފޯރާނީ އޭނާގެ ވަސްވާސްތަކުގައި ޖެހި ޝިކާރައަކަށް ވެފައިވާ މީހުންނެވެ. އެމީހުން އޭނާ އަމުރުކުރި ކޮންމެ ކަމެއްކުރާނެއެވެ.

2- އަދި ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގައި އެވާ " وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ " މިއާޔަތުގައި އެބަޔާންކުރާ لَهْوَ الْحَدِيثِގެ މާނައަކީ މިއުޒިކާއި ﷲ ހަނދުމަ ނައްތާލާ ކުޅިވަރާއި މަޖަލާއި ލަވަ ކަމުގައި އަޞްޙާބު ބޭކަލުން ކުރެ އިބުނު މަސްޢޫދު ތިންފަހަރު ތަކުރާރުކޮށް ހުވާކުރައްވާފައި ވިދާޅުވެފައި ވެއެވެ. އަދި މިގޮތައް މާތް ޞަޙާބީ އިބުނު އައްބާސް ވިދާޅުވެފައިވެއެވެ. އުންމަތުގެ ހުރި އެންމެ ބޮޑު ޤުރުއާނުގެ މުފައްސިރަކީ އިބުނު ޢައްބާސްކަމުގައި ޚުދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުކުރައްވާފައިވެއެވެ.

އަދި އެތައް އަޞްޙާބު ބޭކަލުންނާއި އުންމަތުގެ ދަންނަބޭކަލުން ހަމަ މިގޮތަށް އެއީ ﷲ މަތިން ހަނދުމަނައްތާލާ ކޮންމެކަމަކާއި ކުޅިވަރާއި މަޖަލާއި މިއުޒިކާއި އެފަދަ ލަވަކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ތާބިޢީ ބޭކަލުންގެ ތެރެއިން އިމާމު މުޖާހިދާއި، ޢިކުރިމާއާއި ޙަސަނުންބަޞްރީއާއި، މަކްޙޫލާއި މިއެންމެހައި އިމާމުން ވެސް ވިދާޅުވަނީ އެއީ މިއުޒިކާއި ޙަރާމް ފާހިޝް ލަވަކަމުގައެވެ.

އުންމަތުގެ ސަލަފުންކުރެ ބޭކަލަކު މިކަމުގައި ޚިލާފުވެވަޑައިގެންފައިނުވެއެވެ. ހުރިހާ ތަފްސީރުތައް ބައްލަވާށެވެ! ފާހިޝްލަވަތަކާއި އެއިގެ މަޖިލިސްތަކަށް ޙާޟިވުމާއި އެ އަޑުއެހުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަމުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. މީގެ ކުރީގައި އަޅުގަނޑު މިވާހަކައާމެދު އިބްނު ހަޖަރާއި އިމާމު ޤުރުޠުބީގެ ބަސްފުޅު ބަޔާންކޮށްފީމެވެ.
 
މިއާޔަތުގެ ތަފްސީރު ބަޔާންކުރައްވަމުން އިމާމު ޠަބަރީއާއި އެހެނިހެން ވަރަށް ގިނަ މުފައްސިރުން ކީރިތި ރަސޫލާގެ ޙަދީޘްކުރައްވާފައިވާ ކަމަށް އަބޫ އުމާމަތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 
"لا يحِلُّ بَيْعُ المُغَنِّيَاتِ، وَلا شِرَاؤُهُنَّ، وَلا التِّجارَةُ فِيهِنَّ، وَلا أثمَانُهُنَّ،" " ލަވަކިޔާ އަންހެނުން ގަނެ ވިއްކުމާއި އެމީހުންގެ ވިޔަފާރިކުރުމާއި އެމީހުންގެ މަސައްކަތުން ލިބޭ އުޖޫރަ ހުއްދައެއްނުވާނެއެވެ"

3- މިއުޒިކާއި ބަދުއަޚްލާޤީ ލަވަޙަރާމްކަމުގައި ދަންނަބޭކަލުން ޤުރްއާނުން ނަންގަވާ ތިންވަނަ ދަލީލަލީ ( وَتَضْحَكُوْنَ وَلاَ تَبْكُوْنَ * وَأَنتُمْ سَامِدُونَ ) މިއީ އަންނަޖުމު ސޫރަތުގެ 60-61  މާނައަކީ: " ﷲގެ ތިޔަބައިމީހުންނަށް އާޚިރަތް ދުވަހުގެ އިންޒާރުދެއްވައި އެކަމުގެ ބިރުވެރިކަމުގެ ޚަބަރު ކުރައްވައި ޤުރްއާން ބާވައިލައްވަމުން ދާހިދު، އެއީ ތެދެއްކަމާމެދު ޙައިރާންވެ އަޖައިބުވަނީ ހެއްޔެވެ؟ އަދި އެއަށް މަލާމާތްކޮށް ތިޔަބައިމީހުން ހީ ހަދަނީއެވެ. އެއީ އޭގައިވާ ވަޢީދުގެ ބަސްފުޅުތަކާމެދު ބިރުން ރުއިމުގެ ބަދަލުގައެވެ. ތިޔަބައިމީހުން ވަނީ އެއަށް ފުރަސްގަސްދީ ކުޅިވަރާއި މަޖަލުގައެވެ." އިބު އައްބާސް ވިދާޅުވެފައިވަނީ މިތަނުގައި އެބަޔާންކުރައްވަނީ  ލަވައިގެ ވާހަކައެވެ. އިބުނު އައްބާސް ވިދާޅުވެފައިވެއެވެ ޢަރަބިންގެ ޙިމްޔަރު ބަހުން ބުނެއުޅޭ ބަހެއް ވެއެވެ. (اسمدي لنا ) މާނައަކީ: "ކަނބުލޭގެޔާއެވެ! އަހަރުމެންނަށް ލަވަކިޔާލަދީ ނަށާލަބަލާށެވެ!" މިހެންނެވެ.

ދީނުގެ މަޞްދަރުތަކުގެ އަލީގައި މިވާހަކަ މިގޮތައް ދައްކާތީވެ، މިފަދަ ބަސްތަކަށް މަލާމާތްކުރާ އަޑު އެބަ އިވެއެވެ. މިއީ އިންތިހާ އަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. ވެބްސައިޓްތަކާއި ނޫސް މަޖައްލާތަކުގައި ލިޔުއްވާ ބޭފުޅުން މިކަމާމެދު ވިސްނަވާނޭ ކަމުގައި ޔަޤީން ކުރަމެވެ. ދީން ދެކެ ލޯބިވުމާއި ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކުރުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި އަށަގެންފައިވާ ސިފައެކެވެ. އަޅުގަނޑު އިޝާރާތްކޮށްފައިވާ ތަފްސީރުތަކާއި އެނޫން ތަފްސީރުތަކާއި ޙަދީޘްފޮތްތަކަށް ވަޑައިގަންނަވާށެވެ! ޙައްޤު ބަސް ހޯއްދަވާށެވެ! ތިމާމެންގެ ދެދުނިޔެ ބާއްޖަވެރި ކުރެވޭތޯއެވެ! ވަކި ބަޔަކު ދެކެ ރުހިގެނެއް ނޫނެވެ. އަދި ވަކި ބަޔަކު ދެކެ ނަފްރަތު ކޮށްގެނެއްވެސް ނޫނެވެ.

މުސްލިމުންގެ ވާޖިބަކަށް ވާންޖެހޭނީ ﷲގެ ފޮތާއި އިތުރު ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ދަލީލު ފެނުމުން އެއަށް ބޯލެނބުމެއް ނޫންތޯއެވެ؟ ﷲގެ ޝަރީޢަތުގެ މަޞްދަރަކީ އެއީ ނޫންތޯއެވެ؟

ޤައުމީ މުއްއަސާސާތަކުގެ މަސްއޫލިއްޔަތު:

މިތާގައި ހާމަކޮށްލަން ބޭނުންވާ އެހެން ވާހަކައެއް އެބަ އޮތެވެ. ޙައްޤު ބަސް ބުނެލުމުގެ ބޭނުމުގައެވެ. ބަޔަކަށް ތަންޤީދު ކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. ބައެއް މީހުން ތިމާގެ އަނބިމީހާ އެކު އެއްދާންކުރަން އޮވެ އަޑުއަހާލާ ޒާތުގެ ޢިޝްޤީ ނުވަތަ އެނޫންވެސް ޝަހުވަތުގެ ވަޅުތައް އުތުރިއަރާ ފަދަ ލަވަތައް ޤައުމުގެ ޤައުމީ މީޑީޔާ މެދުވެރިކޮށް ފާހިޝް ބަދުއަޚްލާޤީ މަންޒަރުތަކާއެކު ދައްކަމުންދާތީވެ ހެދިބޮޑުވަމުން އަންނަ ޖީލުގެ އިސްލާމީ އަޚްލާޤިއްޔާތާއި ޝަޚުޞިއްޔަތާއި ސަޤާފަތް އެދަނީ ފުނޑުފުނޑު ވަމުންނެވެ. މިކަމާމެދު ވާހަކަ ދެއްކުމަކީ ކުށަކަށް ވަނީ ބާއެވެ! ހައްދުން ދުރަށްދަނީ ބާއެވެ! އެންމެހާ ބޭފުޅުން ރަނގަޅަށް ވިސްނާލެއްވުން ހެއްޓެވެ.

ދުނިޔޭގެ ޣައިރު މުސްލިމުންގެ ޢާއްމު ޓީވީ ތަކުން ނުދައްކާ ޒާތުގެ ބަދުއަޚްލާޤީ ލަވަތަކާއި ދިވެހި ދެޖިންސު މައްސުނިވެ ބޭ އަދަބީ ނެށުމުގެ މަންޒަރުތައް ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޓީވީން މިހާރު ފެންނަމުން އެބަދެއެވެ. މިދޭތެރޭގައި ޝައިޠާނީ މިއުޒިކު ޝޯތަކެއްވެސް ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައި ވެއެވެ.

މިއީ ޓެލެވިޜަން މޯލްޑިވްސް ފަދަ ޤާބިލު ޒިންމާދާރު ވެރިންތަކެއް ތިއްބެވި މުއްއަސާއަކާ އެއްގޮތަކަށްވެސް ގުޅޭ ކަމެއްނޫނެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަކީ އެތަނުގެ އިސްވެރިންނާއި އިސްލާމީ ސަރުކާރާއި ކޮންމެ މުސްލިމު ދިވެހި ފަރުދެއްގެ ވާޖިބެކެވެ. މިކަންކަމުގައި ދަރީން ބައިވެރިނުކުރުމަކީ ކޮންމެ މުސްލިމު ދިވެހި ފަރުދެއްގެ ޢަޒުމަކަށް ވާންޖެހޭނެއެވެ.

މިކަންތައްތައް އިޞްލާޙުކޮށްދެއްވުމަށް އެދި އިންފޮމޭޝަން މިނިސްޓަރު އޮނަރަބްލް އަލްއަޚް އަލްއުސްތާޛު މުޙައްމަދު ނަޝީދުގެ އަރިހުން އަޅުގަނޑު އިޙްތިރާމާއެކު އެދެމެވެ. އުފާކުރަންޖެހޭފަދަ ހެޔޮބަދަލުތަކެއް ވެސް ޓީވީގެ ދާއިރާއަށް ގެންނަވައިފައި ނުވާ ވާހަކަ އަޅުގަނޑު ނުދަންނަވަމެވެ. އެފަދަ ކަންތައްތައް ވެސް އެބަހުއްޓެވެ.