މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން!


ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ.

ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ. ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ.

އެއްދުވަހެއްގައި ކުދީންގެ މަންމަ މާމައަށް ކާންދިނުމަށްޓަކައި މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ މަސައްކަތެއް ކުދީންނާ ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ ކުއްޖަކު ވެސް ވަނީ ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.

އަންހެން ދަރިފުޅު ކުރަހާފައި ހުރި މަންޒަރު ވަރަށް ވެސް ރީތިވެފައި ލޮލަށް ފަސޭހައެވެ. އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާ ކުރަހާފައި ހުރީ ކާރުތަކަކާއި އަދި އެ ނޫންވެސް އެއްޗެއްސެވެ.

މަންމަ ޢަޖައިބުވީ އެންމެ ތުއްތު ދަރިފުޅު ކުރަހާފައި ވާ އެއްޗެހި ފެނިފައެވެ. އޭނާ ކުރަހާފައި ހުރީ ހަތަރެސްކަން ގޮޅިތަކެކެވެ. މަންމަ ވަރަށް ޢަޖައިބުވެފައި ދަރިފުޅާ ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ކުރަހާފައި މިހުރީ ކޮން އެއްޗެއްހެއްޔެވެ؟

ދަރިފުޅު ވަގުތުން ޖަވާބު ދިނެވެ. މިއީ އަހަރެން ބޮޑުވެގެން އަހަންނަށް ލިބޭ ގެ ހަދާނެ ގޮތެވެ. ދެން މަންމަ ވަރަށް ހިނިތުންވެ ހުރެ އަނެއްކާ ވެސް ކުރެހުމަށް ބަލާލިއެވެ. އެހިނދު އެހެން ގޮޅިތަކާއި ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ގޮޅިއެއް ފެނުނެވެ. އަދި ދަރިފުޅާ ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ހާދަބޮޑަށް އެހެން ގޮޅިތަކާއި ވަކިކުރެވިފައި މިހުރީ ކޮން ގޮޅިއެއްހެއްޔެވެ؟

ދަރިފުޅު ޖަވާބުދިނެވެ. މިއީ މާމަ ފަދައިން މަންމަ މުސްކުޅިވުމުން މަންމައަށް ޚާއްސަކުރެވިފައިވާ ގޮޅިއެވެ.

މަންމަ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިކުރުބޮޑުވެ ދެކަކޫ މައްޗަށް ތިރިވިއެވެ. އިސާހިތަކު ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހެން ފެށިއެވެ.

ދަރީންނަށް ފެންނާނީ ދަރީންނަށް ދެއްކި ނަމޫނާއެކެވެ. ދަރީންގައި ހުންނާނީ އަހަރެމެން ކުރި ތަރުބިއްޔަތެކެވެ. އަހަރެމެންނާ މެދު އަހަރެމެންގެ ދަރީން މިނާނީ އަހަރެމެން އަހަރެމެންގެ މައިބަފައިންނަށް މިނެދިން ނާޅިއަކުންނެވެ.

-ނިމުނީ-

 

އާފަލަކާއި ތަޤްވާވެރި ޒުވާނާ



ހިޖުރައިން ފުރަތަމަ ގަރުނުގައި ވަރަށް ތަޤުވާވެރި ޒުވާނަކު އުޅުނެވެ. އެ ޒުވާނާގެ ކަމަކީ ޢިލްމު ހާސިލުކުރުމަށްޓަކައި ހުސްވެ ހުރެގެން ތަޢުލީމު ލިބިގަތުމެވެ. ނަމަވެސް ވަރަށް ފަޤީރު ޒުވާނެކެވެ. އެއްދުވަހެއްގައި ވަރަށް ބަނޑުހައިވެފައިވާ ހާލުގައި ޒުވާނާ ގެއިން ނުކުތެވެ. ކާލާނެ ހަމަ އެކައްޗެއް ވެސް އެ ޒުވާނާއަށް ލިބިގެންނެއް ނުވެއެވެ. މިހެން ހިނގާފައި ދަނިކޮށް ފެނުނީ އާފަލުން ބަރާކޮށްފައިވާ ގަސްތަކަކުން ނަލަހެދިފައިވާ ދަނޑުތަކެކެވެ. ވަކިހިސާބަކަށް ދެވުނު އިރުގައި މި ފެނުނީ އެތަނުން ދަނޑެއްގައި ހުރި ގަހަކުން މަގުމައްޗަށް ވާ ގޮތަށް ގޮފިގަނޑެއް ނުކުމެފައިވާ ތަނެވެ.

ޒުވާނާގެ ހިތަށް ވަގުތުން އެރީ އެ ގޮފިގަނޑުން އާފަލެއް ކާލަންވީ ކަމުގައެވެ. އަދި އެންމެ އާފަލެއް ކާލުމަކުން އެއޮއްބޮޑު ދަނޑުން އެއްޗެއް މަދުނުވާނޭ ކަމުގައެވެ. މާ ގިނަ އިރުތަކަކު ބަލާކަށްނުހުރެ އާފަލެއް ބިނދެލައިގެން ކާލައިފިއެވެ.

އެނބުރި ގެއަށް އާދެވުމާއެކީ އަމިއްލަ ނަފުސު އޭނާއަށް މަލާމާތް ކުރަން ފަށައިފިއެވެ. މީހެއްގެ އެއްޗެއް އޭނާގެ އިޒުނަޔާއި ނުލައި ކެއުމަކީ ކޮން ގޮތަކުންހުއްދަވާނޭ ކަމެއްހެއްޔެވެ؟ ދެން މި ކަމުގައި އެމީހާގެ ކިބައިން މާފަށް ނޭދިހުރުން ހެޔޮވާނީ ވެސް ކިހިނަކުންހެއްޔެވެ؟ (މުއުމިނުންގެ ހާލަކީ އަބަދުވެސް މިއީއެވެ.)

މި ފިކުރު އަންނަލެއް ބޮޑު ކަމުން ޖެހިގެން އައި ދުވަހު ދަނޑުގެ ވެރި މީހާ ހޯދުމަށްޓަކައި ޒުވާނާ ހިގައްޖެއެވެ. އަދި ވެރި މީހާ ފެނި އެއީ ދަނޑުގެ ވެރި މީހާކަން ޔަގީންވުމުން ބުނެފިއެވެ. އޭ ބޭބެއެވެ. ބޭބެގެ ދަނޑުން އިއްޔެގައި ބޭބެގެ އިޒުނައެއް ނެތި އާފަލެއް ކެވުނެވެ. އެކަން އެހެންވީ އަހަރެން ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިއަދު މިއައީ އެކަމާ މާފު އެދިގެން މާފުކޮށްދޭތޯއެވެ؟

ދަނޑުގެ ސާހިބު މީހާ ބުންޏެވެ. އަހަރެން ކަލެއަށް މާފު ކުރާނޭ ހަމަ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އަދި މާދަމާ ޤިޔާމަތް ދުވަހުގައި މާތް ﷲ ގެ ދަރުބާރުގައި މި މައްސަލަ އުފުލާނަމެވެ.

އެހިނދު ތަޤުވާވެރި ޒުވާނާއަށް ރޮވިއްޖެއެވެ. އަދި އެކި ގޮތްގޮތުން މާފު ދޭތޯ އާދޭސްކުރެވެން ފަށައިފިއެވެ. އަދި ބުންޏެވެ. އަހަރެން ބޭބެ ބުނި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރެވެ. އޭގެ ބަދަލުގައި އަހަރެންނަށް މާފުކޮށްލަދޭށެވެ. ނަމަވެސް ދަނޑުގެ ސާހިބާ ކުރީ އެކަމާ މުޅިންވެސް އިންކާރެވެ. އަދި އެންމެ ފަހުން ޒުވާނާ ދޫކޮށްފައި ސާހިބާ ގެއަށް ދާން ހިނގައިގަނެއްޖެއެވެ. ޒުވާނާ ދަނޑުގެ ސާހިބާ ގެއަށް ވަދެއްޖައުމަށް ދާންދެން ފަހަތުން އާދޭސްކުރަމުން ދިޔައެވެ. ގެއަށް ވަނުމުން އެމީހާ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ.

ދަނޑުގެ ސާހިބާ ޢަޞްރު ނަމާދަށް ދިއުމަށްޓަކައި ނުކުތް އިރުގައި ވެސް އެއްކަލަ ޒުވާނާ ދޮރުކައިރީގައި ރޮވިފައިހުއްޓެވެ.

ހަމަ ނުކުތުމާއެކު ބުނެފިއެވެ. ބޭބޭއެވެ. އެ ދނަޑުގައި އެއްވެސް މުސާރައަކާ ނުލައި މުޅި އުމުރު ދުވަހަށް އަހަރެން މަސައްކަތް ވެސް ކޮށްދީފާނަމެވެ. އަހަރެންނަށް މާފުކޮށް ހިތް ހަލާލުކޮށްދޭށެވެ.

ދަނޑުގެ ސާހިބު މީހާ ވިސްނާލާފައި ޖަވާބުގައި ބުންޏެވެ. ކޮއްކޯއެވެ. މާފުކުރަން މިހިރީ ތައްޔާރަށެވެ. އެކަމަކު ޝަރުތެއްގެ މަތީންނެވެ. އެހިނދު ޒުވާނާގެ މޫނު އުފަލުން ހިނިތުންވެފައި ބުންޏެވެ. އަވަހަށް ބުނާށެވެ. ބޭނުން ޝަރުތެއް ކުރާށެވެ.

ސާހިބު މީހާ ޖަވާބު ދިނެވެ. ޝަރުތަކީ ކޮއިފުޅު އަހަރެންގެ ދަރިފުޅާއި ކައިވެނިކުރުމެވެ. ނަމަވެސް ބުނަމެވެ. އަހަރެންގެ ދަރިފުޅަކީ ލޯއަނދިރިވެފައިވާ ބީރު މަންމަން ކުއްޖެކެވެ. އަދި ހިނގޭ ވެސް ކުއްޖެއް ނޫނެވެ. ޖެހިގެން މިއައި ދެވަނަ މުސީބާތާއެކު ޒުވާނާ ދިޔައީ ހިތާމައިގެ ނޭވާއަކުން ސިއްސައިގެންނެވެ.

ޒުވާނާ ހިތާ ހިތާ ކިޔާލިއެވެ. އެހާ ބަލި ކުއްޖަކާ އެކު އުޅޭނީ ކިހިނަކުންހެއްޔެވެ؟ އެހާވަރުގެ ނުކުޅެދޭ ކުއްޖެއް ބެލެހެއްޓޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ ނަމަވެސް ހިތަށް އެރިއެވެ. އެކަމަށްޓަކައި ކެތްތެރިވެފައި މި އާފަލުގެ ފާފައިން ސަލާމަތްވެގަންނާނީއެވެ.

އެއަށްފަހު ސާހިބާއާ ދިމާއަށް މޫނު ސީދާކޮށްލާފައި ބުންޏެވެ. ބޭބޭއެވެ. އަހަރެން ބޭބެ ގެ ޝަރުތު ޤަބޫލުކޮށްފީމެވެ. އަހަރެން ﷲ ގެ ޙަޟްރަތުން އެދެނީ އަހަރެންގެ ނިޔަތަށްޓަކައި ހެޔޮ ޖަޒާ މިންވަރުކުރައްވާ އަހަރެންނަށް ޖެހިފައިވާ މުސީބާތް ލުއިކުރެއްވުމެވެ.

ސާހިބު މީހާ ބުންޏެވެ. އެހެންވީއިރު އަންނަ ބުރާސްފަތި ދުވަހުގައި އަންނާށެވެ. އަހަރެން ހުރިހާ ކަމެއް ފުރިހަމަކޮށް ތައްޔާރުކުރާނަމެވެ.

ޖެހިގެން އައި ބުރާސްފަތި ދުވަހުގައި ތަޤްވާވެރި ޒުވާނާ އެ އަންނަނީ ބަރު ހިނގުމެއްގައެވެ. މޮޅިވެފައިވާ ހިތަކައިގެންނެވެ. އުންމީދުތަކުން މަހުރޫމުވެފައިވާ ޚިޔާލަކައިގެން ނެވެ. އެއްވެސް މީހަކު އެމީހެއްގެ ކައިވެންޏަށް އަންނާނޭ ފަދަ މޫނަކައިގެންނެއް ނޫނެވެ.

އެއައި ގޮތަށް އައިސް ސާހިބާގެ ގޭގެ ދޮރުގައި ޓަކި ދިނުމާއެކު ދޮރު ހުޅުވާލާފައި ސާހިބު މީހާ ނުކުމެ މަރުހަބާ ކިޔައިފިއެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އަނބިމީހާއާ ބައްދަލުކުރަން އަންނާށެވެ. ކަލޭމެން ދެ ކުދިންގެ ކައިވެނީގައި މާތް ﷲ ބަރަކާތްލައްވާށިއެވެ.

އެއަށްފަހު ޒުވާނާގެ އަތުގައި ހިފައިގެން ގެން ގޮސް އަންހެންކުއްޖާއަށް ޚާއްސަކުރެވިފައި ހުންނަ ކޮޓަރި ދައްކައިފިއެވެ. ޒުވާނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ޒުވާނާއަށް ފެނުނީ ރީތިކަމުގައި އެފަދަ މިސާލެއް ނެތް ފަތްމިންޏެކެވެ. ޒުވާނާ ފެނުމާއެކު އެކަމަނާ ނިކަން އަންހެންވަންތަ ލޫޅާފަތި ހިނގުމަކާއި އެކު ތެދުވެގެން އައިސް ސަލާން ގޮވާލިއެވެ.

ޒުވާނާ ހުރީ އޭނާއަށް ފެންނަމުން ދާ ކަންކަން ގަބޫލުކުރުމަށް ނުކުޅެދުންތެރިވެގެންނެވެ. އަންހެން ކުއްޖާއަށް އެ ޒުވާނާއަށް ވެފައި ހުރި ގޮތް އެނގެއެވެ. އެހެންވެ އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

އާއެކެވެ. ހަރާން މަންޒަރުތަކަށް ބެލުމުގައި އަހަރެންގެ ދެ ލޯ އަނދިރިވެފައި ކަނުވާނެއެވެ. ޙަރާން އަޑުތައް އެހުމުގައި އަހަރެންގެ ދެ ކަންފަތް ބީރުވާނެއެވެ. ޙަރާން ބަސްތައް ބުނުމުގައި އަހަރެންގެ ދޫ މަންމަންވާނެއެވެ. އަދި ޙަރާން ކަންކަމަށް ވާސިލުވުމަށް އަހަރެންގެ ދެ ފަޔަކަށް ނުހިނގޭނއެވެ. އަހަރެންނަކީ އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަރެންނަށްޓަކައި ތަޤްވާވެރި ފިރިއަކު ބައްޕަ ހޯދަމުން ދާތާ ވަރަށް ޒަމާންވެއްޖެއެވެ.

ދެން ތިބާ އެ އާފަލު ކެވުނު ކަންތަކުގައި މާފަށް އެދެން އައި ހިނދު ބައްޕަ ބުންޏެވެ. ޙަލާލު ނޫން އާފަލެއް ކެވިގެން އެކަމާ މާތްކަލާނގެ ކިބަފުޅަށް މިހާ ބިރުވެތިވާ ޒުވާނަކަށް އަހަރެންގެ ދަރިފުޅާ މެދުގައި މާތްކަލާނގެ ކިބައަށް ބިރުވެތިވެވޭނެ ކަމާމެދަކު ޝައްކެތް ނެތެވެ. އަހަރެންގެ ފިރިއަކަށްޓަކައި ތިބާއަށް މަރުހަބާއެވެ.

ރިވާވެގެންވެއެވެ. އަލްއިމާމް އަބޫޙަނީފާ ރަޙިމަހު ﷲ އަކީ މީގެ ދެކަނބަލުންނަށް މާތް ﷲ ރިޒުޤުކުރެއްވި ސާލިޙު ދަރީންގެ ތެރެއިން ދަރިކަލެކެވެ.

 

ތިން ފަޅި ރޮށި



އެއްދުވަހަކު ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) ޖަންގައްޔެއްގައި ހިންގަވަނިކޮށް ނުކުންނެވުނީ، އަޅު ކުއްޖަކު އޭނާގެ ސާހިބުމީހާއަށް ދަނޑުވެރިކަންކޮށްދޭ ސަރަހައްދަކަށެވެ. އެކަލޭގެފާނު އެކުއްޖާގެ މަސައްކަތް ބައްލަވަން ހުއްޓައި އެތަނަށް މީހަކު އައިސް އެކުއްޖާއަށް އެކުއްޖާގެ ކެއުން ހަވާލު ކުރިއެވެ. އޭގައިވަނީ ހަމަ އެންމެ ތިން ފަޅި ރޮއްޓެވެ.

އެކުއްޖާއަށް ދުވަހުގެ ކޮއްތު ހަވާލު ކުރުމަށްފަހު އެ އައި މީހަކު ދިއަތަނާހެން ބިންމަތީގައި ދޫހާކަމުން ކަހަލަ ގޮތަކަށް ކުއްތާއެއް އަތުވެއްޖެއެވެ. މިތަން ފެނިފައި މި ކުއްޖާއަށް ލިބުނު ރޮށި ފަޅިތަކުން، ފަޅިވަރެއް ކުއްތާއާ ދިމާއަށް އެއްލިއެވެ. ހަމަ އެއާއިއެކު ބަނޑުހައިވެފައިވާ ކުއްތާ އަވަސްއަވަހަށް އެ އެރޮށިފަޅި ކާލިއެވެ. ދެންވެސް ކުއްތާ އެތަނުން ދާކަށް ނޫޅުނެވެ. ބިންމަތީގައި ވަސް ބަލަބަލާފައި ހައިހޫނުކަމުގެ ވައްތަރުތައް ޖައްސަޖައްސާ އޮތެވެ. މިތަން ފެނިފައި އަނެއްކާވެސް އެކުއްޖާގެއަތުގައި ބާކީ އޮތް ދެ ފަޅި ރޮށިން ކުރެ ފަޅިވަރެއް ކުއްތާއަށް އެއްލިއެވެ. މި ފަހަރުވެސް ކުއްތާގެ ހައިކަން ފިލާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ ކުއްޖާގެ އަތުގައި ދެން ބާކީ އޮތް ރޮށި ފަޅިވެސް ކުއްތާއާ ދިމާއަށް އެއްލިއެވެ.

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) މިތަން ބައްލަވަން ހުންނަވާފައި ވަޑައިގެން އެކުއްޖާއާއި ސުވާލު ކުރެއްވިއެވެ. "ކޮއްތުގެ ގޮތުގައި ދުވާލެއްގެ މައްޗަށް ކޮއްކޮއަށް ލިބެނީ ކިތަށް ފަޅި ރޮށި؟"

އެކުއްޖާ ޖަވާބު ދިނެވެ. "އަހަރެންނަށް ދުވާލަކު ލިބެނީ ތިން ފަޅި ރޮށި، ދެންމެ އެ ގެނައީ އަހަރެންގެ މިއަދުގެ ކާނާ"

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. "ދެން ކީއްވެގެން މުޅި ދުވަހުގެ ކޮއްތު އެއްކޮށް ކުއްތާއަށް ތިޔަދިނީ؟"

އެކުއްޖާ ޖަވާބު ދިނެވެ. "އަހަރެންނަށް އޭތި ބަލައިގަނެވުނީ ކުއްތާއެއްގެ ގޮތުގައެއް ނޫން، އަހަރެންނަށް ފެނުނީ ނިކަމެތިކަމާއިއެކު ބަނޑުހައިވެގެން ކާނެ އެއްޗެއް ލިބޭތޯ ބިންމަތީ ދޫހާކަމުން ދިޔަ ޖަނަވާރެއް، އެމަންޒަރު ފެނިފައި އަހަރެން އަހަރެންގެ ކާނާއިން ކެއުމަށް ލަދުވެތިވީ"

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) ސުވާލު ކުރެއްވިއެވެ. "ދެން މިއަދު ކޮއްކޮ ކެއުމައްޓަކައި ކޮއްކޮގެ އަތުގައި ހުރީ ކޮން އެއްޗެއް؟"

އެކުއްޖާ ޖަވާބުދިނެއެވެ. "އަހަރެންނަށް އެއްދުވަހުގެ ކާނާއާ ނުލައި އުޅެވިދާނެއެވެ. އެއީ އަހަރެންނަށް މައްސަލައެއްނޫނެވެ."

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) އެކަލޭގެފާނު އަމިއްލަ ނަފުސާއި މުޚާތަބުކުރައްވާ ވިދާޅުވިއެވެ. "މީހުން ބަލަނީ ކަލެއަކީ އެންމެ ދީލަތި މީހާ ކަމުގައެވެ. އެކަމަކު މި ކުއްޖާ ވެސް ކަލެއަށް ވުރެން އެތައް ގުނައެއް ދީލައްޗެވެ."

ދެން ޖަޢުފަރުގެފާނު ވަޑައިގެން އެ އަޅުކުއްޖާގެ ސާހިބު މީހާއާ ބައްދަލުކުރައްވާ އެކުއްޖާއާއި އެދަނޑާއި އެކުގައި ބައްލަވައި ގަތުމަށްފަހު އަޅުކުއްޖާ މިނިވަންކުރައްވާފައި ހަދިޔާއެއްގެ ގޮތުގައި އެދަނޑު އެކުއްޖާއަށް ދެއްވިއެވެ.

 

ހުޅުކޮޅެއްގެ ނިވަލުގައި ޒިނޭއަށް ފަރުދާވެގެން....!


ރަސްކަލަކަށް ވަރަށް ރީތި އަންހެން ދަރިޔަކު ލިބިގެންވިއެވެ. މިއަންހެން ކުއްޖާ އެއްފަހަރަކު އޭނާގެ ބައްޕަމެންނާއި އެކީ ޝިކާރަކުރަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިއްޖެއެވެ. ދެން މިއަންހެން ކުއްޖާ ހިނގަމުން ހިނގަމުން ދަނިކޮށް ފެނުނީ ވަރަށް ނިކަމެތި ޖިފުޓިގަނޑެކެވެ. އެތަނުގެ އެތެރެ ބަލާލިއިރު ވަރަށް ޒުވާން، ފިރިހެން ކުއްޖަކު ނަމާދު ކުރަން ހުއްޓެވެ. ޒުވާނާ ގެ ނަމާދު ނިމެންދެން އަންހެން ކުއްޖާ އެތަނުގައި މަޑުކުރިއެވެ.

އެ ޒުވާނާއަށް އެއީ ގެއްލިފައިވާ ކުއްޖެއްކަން އެނގުމުން ކާނެ އެއްޗެހީގެ އިތުރަށް، ނިދުމަށްޓަކައި އޭނާގެ އަމިއްލަ އެނދު ވެސް ދިނެވެ. ރޭގަނޑުވުމުން އޭނާ އަނެއްކާވެސް ނަމާދުކުރަންފެށިއެވެ. އަދި ކައިރީގައި އުއްބައްތިއެއް ބެހެއްޓިއެވެ.

އަނެއް ދުވަހު ރަސްގެފާނުގެ ސިފައިން އެ ކުއްޖާ ހޯދުމަށްފަހު ގަނޑުވަރަށް ގެންދިޔައެވެ. އަންހެން ކުއްޖާ ކަންތައް ހިނގާދިޔަގޮތް ކިޔައިދިނެވެ. އަދި އެ ފިރިހެން ކުއްޖާ އެތަނަށް ހާޒިރުކުރުމަށް އެދުނެވެ. ދެން އެ ޒުވާނާ ގެނައުމުން އެ އަންހެންކުއްޖާ އަށް ދެރަގޮތެއް ހެދިންތޯ ސުވާލުކުރަން ފެށިއެވެ. އަންހެން ކުއްޖާ އޭނާގެ ބައްޕަގެ ގާތުގައި އެ ޒުވާނާގެ ކިބައިން ރޭގަނޑު ހޭދަކުރީ ކިހިނެއްތޯ ސުވާލުކުރުމަށް އެދުނެވެ. ޖަވާބުގައި އޭނާ ނަމާދުކުރީކަމަށް ބުންޏެވެ. އަންހެން ކުއްޖާ އެއީ ތެދެއް ކަމުގައި ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެހެނަސް ރޭގައި އުއްބައްތި އަކުން ތިން ފަހަރު މަތީން އަމިއްލަ އަތާއި ކައިރިކޮށް ހޫނުކުރީ ކީއްކުރަންތޯ ސުވާލުކުރުވިއެވެ.

ދެން އެ ތަޤްވާވެރި ޒުވާނާ ކިޔައިދިނެވެ. "އަހަރެން ނަމާދުކުރަން ހުރި ކަމުގައި ވިޔަސް އިރުއިރު ކޮޅުން އަހަރެންގެ ހިތަށް އަރަމުން ދިޔައީ ﷲ ތަޢާލާ ޙަރާމްކުރެއްވި ޢަމަލަކަށް އަރައިގަތުމަށެވެ. އެހެން ނުވާނީވެސް ކިހިނެއް ހެއްޔެވެ؟ ޖިފުޓި ތެރޭގައި އޮތީ ރީތިކަމުގައި ދެވަނައެއް ނެތް އަންހެން ކުއްޖެކެވެ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ހުއްޓުވާނީ ކާކު ހެއްޔެވެ؟ އެކަމަކު އެ ވަސްވާސްތައް އުފެދޭ ކޮންމެ ފަހަރަކު އަހަރެން އަމިއްލަ ނަފުސާއި ސުވާލު ކުރަމެވެ. ނަރައިގެ އަލިފާނަށް ކެތްކުރެވޭނެ ހެއްޔެވެ؟ ދެން އަހަރެން އެ އުއްބައްތި އަތާއި ދިމާކޮށްފައި ކެތްކުރެވޭތޯ ބަލަނީއެވެ. އިސާހިތަކު އަހަރެންނަށް ޖެހުނީ އަތް ދަމައިގަންނާށެވެ. ދެން އަނެއްކާވެސް ނަމާދުކުރަން ފަށަނީއެވެ. އޭގެ ފަހުން އެތައް އިރެއް ވުމުން އަނެއްކާވެސް އެ ވަސްވާސްތައް އާދެއެވެ. މިކަންތައް މުޅި އެރޭ ތިންފަހަރު ހިނގިއެވެ."

********************************

"ހަމަކަށަވަރުން މުއުމިނުންނަށް ކާމިޔާބު ލިބިއްޖެއެވެ. އެމީހުންނަކީ އެމީހުންގެ ނަމާދުގައި ﷲ އަށް ބިރުވެތިކަމާއެކު މަޑުމޮޅިވެގެން ތިބޭ މީހުންނެވެ. އަދި، އެމީހުންނަކީ ބޭނުން ނެތް ބަސްތަކާއި ކަންތަކުން އެއްކިބާވެ، ދުރުހެލިވެގެންވާ މީހުންނެވެ.  އަދި، އެބައިމީހުންނަކީ ޒަކާތްދިނުމާއި މެދު ކުރާން އޮތްގޮތަށް ކަންތައްކުރާ މީހުންނެވެ. "އަދި އެމީހުންނީ އެމީހުންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބީން ނުވަތަ އެމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެމީހުންނަކީ މަލާމާތްލިބޭނޭ ބަޔަކު ނޫނެވެ"